ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަކީ މުޅި ދުނިިޔޭގެ ސުލްޙައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ. ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އުރުދުނާއި މިޞްރަށް ބަދަލު ކުރާށެވެ. އަދި، ޣައްޒާއަށް އެމެރިކާއިން ވެރިވެގަނެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެ ތަން ތަރައްޤީ ކުރުމަށެވެ.
މި ތަސައްވުރާ މެދު އުރްދުޣާން ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނީ އިންޑޮނީޝިޔާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. "އަޅުގަނޑު ދެކޭ ގޮތުގައި، ބޮޑުވެގެންވާ ގާތިލަކާ އެކު [ޒަަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު] އެއްބަސްވުމެއް އެކުލަވައިލަން އުޅުމަކީ މުޅި ދުނިޔޭގެ ސުލްޙައަށް އޮތް ބޮޑު ނުރައްކަލެއް،" އޭނާ ވިދާޅުވިއެވެ.
"މި ވަގުތު، ފަލަސްޠީނުގެ ރައްޔިތުންގެ އަތުން، ޣައްޒާގެ ރައްޔިތުންގެ އަތުން، އެ ތަން އަތެއް ނުލެވޭނެ. ފުރަތަމަ ކަމަކަށް، އެ ފަދަ ކަމެއް ކުރުމަށް ހުށަހެޅުމަކީ ވެސް ދުނިޔޭގެ ސުލްޙައަށް އޮތް ނުރައްކަލެއް،" ޓްރަމްޕްގެ ހުށަހެޅުމަށް ފާޑުވިދާޅުވަމުން އުރްދުޣާން ވިދާޅުވިއެވެ. އަދި، ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އެ ބިން ފޭރިގަތުމާ މެދު ޓްރަމްޕް ދައްކަވަމުން ގެންދަވަނީ ހެޔޮ ވާހަކަތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައި ވެސް އުރްދުޣާން ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ އެ ކުށް ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުން، އަދި ދުނިޔޭގެ ސުލްޙައަށް ފުރުޞަތު ދިނުމުގެ ގޮތުން ދުނިޔޭގެ ބިޔަ ބާރެއްގެ ގޮތުގައި ބެލެވޭ އެމެރިކާއިން އެ ފަދަ ކުށްތަކާ ދުރުހެލިވުން،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން އުރުދުނަށް ބަދަލު ކުރުމަށް ޓްރަމްޕް ހުށަހެޅުއްވުމުން އެ ޤައުމުގެ ރަސްގެފާނު ޢަބްދުاللهވަނީ އެ ކަމާ އިންކާރު ކުރައްވާފައެވެ. އެމެރިކާގެ ވެރިރަށް ވޮޝިންގޓަނުގައި ރަސްގެފާނު ޢަބްދުاللهއާ އެކު ދާދި ފަހުން ބޭއްވެވި ބައްދަލުވުމެއްގައި ވެސް ޓްރަމްޕް ވަނީ އެ ކަމަށް ބާރު އަޅުއްވާފައެވެ.
ޓްރަމްޕްގެ ހުށަހެޅުއްވުމާ މެދު ވާހަކަފުޅު ދައްކަވަމުން މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ވިދާޅުވީ، އޭނާގެ ތަސައްވުރާ މެދު މަޝްވަރާ ކުރަން ހުށަހަޅާ އެއްވެސް ބައްދަލުވުމެއްގައި ޓްރަމްޕާ އެކު ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގައެވެ. އުރުދުނާއި މިޞްރަކީ އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމެވެ. ޓްރަމްޕް ބޭނުންވާ ގޮތަށް އެ ދެ ޤައުމުން އަމަލު ނުކޮށްފި ނަމަ، އެ ދެ ޤައުމަށް ދެމުންދާ އެހީތައް ކަނޑައިލާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
މިޞްރާއި އުރުދުންގެ އިތުރުން ޢަރަބި ޤައުމުތަކުން ވެސް ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭލުމަށް އިންކާރު ކޮށްފައެވެ. އަދި، ޓްރަމްޕްގެ ތަސައްވުރާއި ހުށަހެޅުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މީގެ އިތުރުން، އެމެރިކާގެ އެކުވެރިން ކަމުގައިވާ ވިލާތުގެ ބައެއް ޤައުމުތަކުން ވެސް ވަނީ ޓްރަމްޕްގެ ތަސައްވުރާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރަމްޕް ބޭނުން ވަނީ ޣައްޒާއަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ފަހު، އެ ތަނުން ނަފާ ހޯދުމަށެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި ވެސް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.