ޚަބަރު

އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަން ޙަމާސުން ހާމަކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުން ދެމެހެއްޓުމަށް ތައްޔާރަށް އޮތް ކަން، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. އެ ޖަމާޢަތުން މި ކަން ހާމަކޮށްފައި މި ވަނީ، އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާނެ ކަމަށް ބުނެ، ޒަޔަނިސްޓު އިސްރާއީލުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ޤަތުލުޢާންމު ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފަށާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ.

ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. އެ އަދަދުތައް އަދިވެސް ދަނީ އުފުލެމުންނެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

ޣައްޒާ ޢުދުވާން ހުއްޓައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީން ދަނީ ޚިޔާލުވަމުންނެވެ. މި ގޮތުން، ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިޔުމަށް ހުރަސް އެޅުމާއި، ޢާންމުންނަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައިނުލުމުގެ އިތުރުން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން ދަނީ އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތި ކުރަމުންނެވެ.

މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޙަމާސުން ވަނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުން ހުއްޓައިލަން ޖެހިދާނެ ކަމަށް ބުނެ، އިންޒާރު ދީފައެވެ. ޣައްޒާ ޢުދުވާން އަލުން ފަށާނެ ކަމަށް ބުނެ، ޔަހޫދީން އިންޒާރު ދީފައި ވަނީ އެ ކަމުގެ ރައްދުގައެވެ. މިއާ އެކު، ސުލްޙައިގެ އެއްބަސްވުން ފޭލުވެދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔައެވެ. ނަމަވެސް، ޙަމާސުން ބުނީ، އެއްބަސްވުން ދެމެހެއްޓުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ.

"ސޮއި ކޮށްފައިވާ ގޮތަށް، އެއްބަސްވުން ދެމެހެއްޓުމަށް ޙަމާސުން ތައްޔާރަށް އޮތް ކަން ކަށަވަރު ކޮށްދެން، އަދި އެއްބަސްވުމާ އެއް ގޮތަށް، އޭގައިވާ ތާވަލާ އެއް ގޮތަށް، އަސީރުން މިނިވަން ކުރަމުން ދާނަން،" މި ކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި އެ ޖަމާޢަތުން ބުންޏެވެ. ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް އިންޒާރުދީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ދެެއްވާފައިވާ އިންޒާރުތަކާ މެދު އެ ޖަމާޢަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެ ކަން ކުށްވެރި ކޮށްފައެވެ.

މި ވަގުތު މިޞްރަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ވެސް ވަނީ، މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެއްބަސްވުން ދެމެހެއްޓުމަށް ޔަހޫދީން ކުރިމަތި ކުރަމުންދާ ހުރަސްތައް ނައްތައިލުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްހައިގެ އެއްބަސްވުން އެކުލަވައިލެވިފައި ވަނީ އެ ދެ ޤައުމުން މެދުވެރިންގެ ގޮތުގައި ކުރި ބުރަ މަސައްކަތުންނެވެ.

ޔަހޫދީން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ޙަމާސުން ބުނަމުންދާއިރު، ޔަހޫދީން ވެސް ވަނީ ޙަމާސުން އެއްބަސްވުމާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގައި ތުހުމަތު ކޮށްފައެވެ. މި ގޮތުން، ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙަމާސްގެ މުޖާހިދުން ރޮކެޓު ޙަމަލާތަކެއް ދީފައިވާ ކަމުގައި ޔަހޫދީން ތުހުމަތު ކުރިއެވެ. އޭގެ ރައްދުގައި ޔަހޫދީން ވެސް ޣައްޒާއަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ދީފައެވެ.