މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީއިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 3.2 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.
އެމްޓީސީސީއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުނި ހިންގައިގެން ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާ އާޅާ ބަލާއިރު 37.2 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކުންފުނި ހިންގައިގެން 336.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 211.2 މިލިޔަން ރުފިޔާގައެވެ.
މި ނިމުނު 2024 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 99.1 މިލިޔަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 84.2 މިލިޔަން ރުފިޔާއެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 418.2 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 587.1 މިލިޔަން ރުފިޔާ އަޅާ ބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ.
ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ކުންފުނި ހިންގައިގެން ލިބިފައިވަނީ 177.5 މިލިޔަން ރުފިޔާއެވެ. ތިންވަނަ ކުއާޓަރުގައި އެ ކުންފުނި ހިންގައިގެން ލިބިފައިވަނީ 12.7 މިލިޔަން ރުފިޔާއެވެ.
އާމްދަނީ ދަށްވުމާއި އެކު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 151.3 މިލިޔަން ރުފިޔާއެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއިންވަނީ 189 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައެވެ. އަދި 9 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާއިރު، އަލަށް 3 މަޝްރޫޢުގެ މަސައްކަތް އެ ކުއަރޓަރުގައި ފަށާފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީއިން ކާމިޔާބުކަމާއެކު ނިންމާލައިފައިވާ މަޝްރޫއުތަކަށް ބަލާއިރު ނ. މާފަރު އެއަރޕޯޓް ތަރައްޤީކޮށް ފުޅާކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ހދ. ކުމުންދޫ ބަނދަރުގެ ޗެނަލް އެޅުމުގެ މަސައްކަތުގެ އިތުރުން ބ. ކަމަދޫ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.