ޚަބަރު

ރާމާމަކުނެއްގެ ސަބަބުން ސްރީ ލަންކާއިން ކަރަންޓު ކެނޑިއްޖެ


ސްރީ ލަންކާގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވިއުގައަށް ރާމާމަކުނެއްގެ ފުށުން ގެއްލުން ލިބުމާ ގުޅިގެން، މެދުކެނޑިފައިވާ ޚިދުމަތް އަލުން ގުޅައިދިނުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. ސްރީ ލަންކާއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވަނީ ފެބުރުވަރީ 9ވަނަ ދުވަހުއެވެ. ކަރަންޓު ކެނޑެން މެދުވެރިވީ، ވެރިރަށް ކޮލަމްބޯގެ ރަށްބޭރު ސަރަޙައްދެއްގައި ހުންނަ ޓްރާންސްފޯމަރެއްގައި ރާމާމަނުކެއް ޖެހުމުގެ ސަބަބުންނެވެ.

މި ކަމާ ގުޅިގެން ސްރީ ލަންކާގެ 22 މިލިޔަން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާއިރު، ކަމާ ގުޅޭ އިދާރާތަކުން ދަނީ އެ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް އަލުން އިޔާދަ ކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ބައެއް ސަރަޙައްދުތަކުން އެތަކެއް ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލުމަށް ވަނީ މަޖުބޫރުވެފައެވެ.
ސްރީ ލަންކާގެ ހަކަތަައާ ބެހޭ ވަޒީރު ކުރާމަ ޖަޔަކޮޑި ވިދާޅުވީ ފެބުރުވަރީ 9ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ހުރިހާ ސަރަޙައްދަކުން ހަ ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ކަމުގައެވެ. އެ ހާދިސާއަށް ފަހު ރާމާމަކުނުގެ ފުރާނަ ސަލާމަތް ކުރެވުނު ކަން ސާފެއް ނޫނެވެ.

މި ކަމާ ގުޅިގެން، ކަރަންޓުގެ ޚިދުމަތް އިޔާދަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ)ން ބުނީ، އެ މަސައްކަތް ނިމެންދެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުން ޚިދުމަތް މެދުކަނޑައިލަން ޖެހިފައިވާ ކަމުގައެވެ. އެ ހާދިސާއާ ގުޅިގެން، ސްރީލަންކާގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ 900 މެގަވޮޓުގެ މައި އިންޖީނުގެއަށް އަސަރު ކޮށްފައިވާ ކަމުގައި ވެސް ސީއީބީން ހާމަކުރިއެވެ.

"ކަރަންޓުގެ ޚިދުމަތް އިހު ހުރި ކެޕޭސިޓީއަށް އިޔާދަ ކޮށްދިނުމަށް އަޅުގަނޑުމެން މި ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން، ނަމަވެސް އެންމެ ގިނައިން ހަތަކަ ބޭނުން ކުރާ ޕީކް ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ، އޭގެ ތެރޭގައި ރޭގަނޑުގެ ވަގުތައް ހިމެނޭ،" ސީއީބީން ހާމަކުރިއެވެ. ޓްރާންސްފޯމަރުގައި ރާމާމަކުނެއް ޖެހުނު ހާދިސާއާ ގުޅިގެން ސްރީ ލަންކާގެ ހުރިހާ ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަބަބު ތަޙުޤީޤު ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.