ޚަބަރު

ރެއާލް މެޑްރިޑުން ވިނީޝިއުސްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަނީ


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ އާއެކު އެ ކުލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ވިނީޝިއުސް އާއެކު ރެއާލް މެޑްރިޑުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 27-2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ނަމަވެސް، ރެއާލް މެޑްރިޑުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން މަސައްކަތް ފަށާފައިވަނީ ސައުދީ އަރަބިއްޔާގެ އަލް އަހްލީން ދުނިޔޭގެ ރެކޯޑް އަދަދެއްގެ ހުށަހެޅުމެއް ވިނީޝިއުސްއަށް ހުށައަޅާފައިވާ ކަމަށް އަޑުއަރާފައި ވަނިކޮށެވެ.

ނަމަވެސް ރެއާލް މެޑްރިޑުން ވަނީ ސައުދީ އަރަބިއްޔާގެ އެއްވެސް ކްލަބަކުން ވިނީޝިއުސް ހޯދުމަށް ހުށަހެޅުމެއް ލިބިފައިނުވާކަމަށް ބުނެފައެވެ. އެކަމަކު ރެއާލް މެޑްރިޑާ ގާތް ފަރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ނިމިގެންދިޔަ ސްޕެނިޝް ސުޕަރ ކަޕްގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސައުދީ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ އިސް ފަރާތްތަކުން ވަނީ ރެއާލް މެޑްރިޑާއެކު އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ރެއާލް މެޑްރިޑުން ބުނެފައިވާ ގޮތުގައި ވިނީޝިއުސް ވިއްކާލުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށާއި، އެކަމަށް އޮތް ހަމައެކަނި ހައްލަކީ ވިނީޝިއުސް ގަތުމަށް ބޭނުންވާ ފަރާތަކުން އެއްބަސްވުމުގައިވާ ގޮތަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުން ކަމަށެވެ.

ވިނީޝިއުސް އާއެކު ރެއާލް މެޑްރިޑުން ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ 2023 ވަނަ އަހަރު އައުކުރިއިރު، އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 13.5 މިލިއަން ޔޫރޯ ލިބިގެންދާނެ އެވެ.

ވިނީޝިއުސް ވަނީ ފީފާއިން މި އަހަރު ދިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ކަމާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.