ޚަބަރު

ޕޯޓޯ އާއި ރޯމާގެ މެޗު އެއްވަރު


ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް ކޮލިފައިވުމުގެ ޕްލޭއޮފްގައި ރޭ ޕޯޓޯ އާއި ދެކޮޅަށް ރޯމާ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޕޯޓޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މި މެޗުގައި ޕޯޓޯ އިން ރޯމާގެ ގޯލަށް އަމާޒުކޮށް ދެ ހަމަލައެއް ފޮނުވާލާފައިވާއިރު ރޯމާއިން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ހަތަރު ހަމަލައެއް ފޮނުވާލާފަ އެވެ.

ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ރޯމާ އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ޒެކީ ޝެލިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕޯޓޯ އިން މި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި ފްރެންސެސްކޯ މޯރާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ޕޯޓޯގެ ގޯލުކީޕަރު ޑިއޮގޯ ކޮސްޓާ ކުރިއަށް ފޮނުވާލި ބޯޅައެއް ޝެލިކް ދިފާއުކޮށް ފޮނުވާލިއިރު އެ ބޯޅަ ލިބުމުން ފްރެންސެސްކޯ މޯރާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗުގެ ޕޯޓޯ އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ފަސް މިނިޓް ފަހުން ރެފްރީ ވަނީ ރޯމާގެ ބްރަޔަން ކްރިސްޓެންޓޭ އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންކަމުން ދެވަނަ ލެގުގައި ރޯމާގެ ދަނޑުގައި އަންނަ ހަފްތާގައި މި ދެ ޓީމު ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ.

މި މުބާރާތް ފެށުމުގެ ކުރިން އެންމެ ގިނަ ބަޔަކު ބުނަމުން ގޮސްފައިވަނީ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނީ މި ދެ ޓީމުން ކުރެ ކޮންމެވެސް އެއް ޓީމެއް ކަމަށެވެ. ނަމަވެސް މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް މި ދެ ޓީމަށްވެސް ލިބިފައެއް ނުވެއެވެ.