މި ވަގުތު ޗެލްސީގެ އެއްވަނަ ގޯލްކީޕަރަކީ ފިލިޕް ޖޯގެންސެން ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. މަރެސްކާ މިހެން ބުނެފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ޖޯގެންސެން އަށް ފުރަތަމަ ޓީމުން ފުރުސަތު ދޭން ފަށާފައިވަނީ މި ސީޒަން ފެށުނުއިރު ޗެލްސީގެ އެއްވަނަ ކީޕަރުގެ ގޮތުގައި ހުރި ރޮބަޓް ސަންޗޭޒްގެ ފަރާތުން ވަރަށް އާދައިގެ ގޯސްތަކެއް ހެދި އެ ޓީމުގެ ކޮޅަށް ލަނޑުތަކެއް ވަނުމާއި ގުޅިގެންނެވެ.
އުމުރުން 22 އަހަރުގެ ޖޯގެންސެން ވަނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.
މި ސީޒަނުގައި ސަންޗޭޒްގެ ފަރާތުން ވަނީ އެ ފެންވަރުގެ ކީޕަރެއްގެ ފަރާތުން ފެނިގެންނުދާފަދަ ފަސް ގޯހެއް ހެދިފަ އެވެ. އެގޮތުން އެންމެ ފަހުން އެފްއޭ ކަޕްގައި ބްރައިޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައިވެސް ސަންޗޭޒް ގެ ފަރާތުން ފެނުނު ގޯހާއިއެކު އެ މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ.
މަރެސްކާ ބުނެފައިވަނީ ވެސްޓްހޭމް އާއި ދެކޮޅަށް ޖޯގެންސަން އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައިވަނީ ސަންޗޭޒް އަށް ބްރޭކެއް ދިނުމުގެ ގޮތުން ކަމަށާއި ނަމަވެސް އެފްއޭ ކަޕްގައިވެސް އެފަދަ ގޯހެއް ހެދިފައިވާތީ މިވަގުތު ޗެލްސީގެ އެއްވަނަ ކީޕަރަކީ ޖޯގެންސެން ކަމަށެވެ.
މަރެސްކާ އިތުރަށް ބުނެފައިވަނީ މިވަގުތަށް އޭނާގެ ވިސްނުމަކީ އެއީ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ފެންނަ ކަންތައްތަކަށްފަހު ދެން ކުރިއަށް ދާނެ ގޮތަކާއިމެދު އިތުރަށް ވިސްނާނެ ކަމަށެވެ.
މި މެޗަށް ޗެލްސީ ނިކުންނައިރު އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ފޯވަޑް ނިކޮލަސް ޖެކްސަން އަށް އަނިޔާވެ ދެ މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު އަނެއް ފޯވަޑް މާކް ޖިއޫއަށްވެސް ވަނީ އަނިޔާވެފަ އެވެ.