ޚަބަރު

ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާއަށް ސަޢުދީގެ ކެބިނެޓުން ރުހުންދީފި


  • ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހު

  • މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިވާނެ

ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ ފަހުމުނާމާއަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުންދީފިއެވެ.

ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުއެވެ. މި ފަހުމުނާމާއަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް އިން ދި ކިންގްޑަމް އޮފް ސަޢުދީ އަރަބިއްޔާއާ ދެމެދު ވެފައިވާ ފަހުމުނާމާއެކެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއަށް ސަޢުދީ ޢަރަބިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްއިން ރުހުން ދީފައިވާ ކަމަށެވެ. އަދި މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް މަގުފަހިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއެކު ވެފައިވާ ވިޔަފާރީގެ ފަހުމުނާމާގެ ދަށުން ރާއްޖޭގައި ވަރަށް އަވަހަށް ވިޔަފާރިއަށް ޚާއްސަ ފޯރަމެއް ބާއްވާނެކަމަށް އިޤުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ.