ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
މިއަދު ކުރިއަށްދިޔަ ފައިނަލް މެޗުގައި އީޝަލް ރިލިމެޑަލް ހޯދާފައިވަނީ 229.2 ގެ ސްކޯރއަކާއެކުއެވެ. މި ކެޓެގެރީން ރަން މެޑަލް ހޯދި ޗައިނީޒް ޓައިޕޭގެ ލިއައޮ ކެ ރޮންގް އަށް ލިބިފައިވަނީ 231.2 ޕޮއިންޓެވެ.
މިއީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑަލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފަވަނީ ޝޫޓިންގެ ޤައުމީ ރިކޯޑަކާއެކުގައެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.
މަޖީދިއްޔާ ސްކޫލުގެ އުމުރުން ފަނަރަ އަހަރުގެ ދަރިވަރު ފަޚުރުވެރި މި ކާމިޔާބީ ހޯދާފައިވަނީ އެކި ޤައުމުތަކުގެ 19 ޝޫޓަރުންގެ ތެރެއިން ގަދަ އަށަކަށް ދަތުރުކޮށްގެންނެވެ. އޭނާ މި މުބާރާތުގައި ވާދަކުރުމަށް ބެންކޮކަށް ފުރާފައިވަނީ އެންމެ ތިން މަސްދުވަހުގެ ޕްރެކްޓިސްއަށް ފަހުއެވެ.
ޖުމްލަ 23 ޤައުމަކުން މި މުބާރާތުގައި ވާދަކުރަމުންދާއިރު، އީޝަލް މިކާމިޔާބީ ހޯދާފައިވަނީ 21 ޤައުމުގެ ވަރުގަދަ އެތުލީތުން ފަހަތަށްޖައްސާލުމަށްފަހުއެވެ.
މި މުބާރާތުގެ މިކްސްޑް ޓީމު ޖޫނިއަރ ބައިގެ ފައިނަލުގައިވެސް މަރްޔަމް އީޝަލް މިސްބާހު އަދި މޫސާ ނުޢައިމް ހުސައިން ގެ ޕެއާވަނީ ވާދަކޮށްފައެވެ. ނަމަވެސް މި މެޗްގައި ރާއްޖޭގެ ޕެއަރ ބަލިވެފައިވަނީ އެންމެ ވަޒަނެއްގެ ތަފާތަކުންނެވެ.