ޚަބަރު

ޣައްޒާއާ ގުޅޭގޮތުން މަޝްވަރާ ކުރާ ނަމަ ސީސީ އެމެރިކާއަށް ވަޑައިނުގަންނަވާނެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްޠީނުގެ ޣައްޒާ ތަރައްޤީ ކުރުމާ ގުޅޭގޮތުން ގެއްގުޅުއްވާ ތަސައްވުރާމެދު މަޝްވަރާ ކުރަން ޖެހޭ ނަމަ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ އެމެރިކާއަށް ދަތުރު ނުކުރައްވާނެ ކަމަށް މިޞްރުގެ ސަލާމަތީ މަސްދަރުތަކަކުން ބުނެފިއެވެ.

ޣައްޒާއިން އެ ރަށުގެ ރައްޔިތުން ހުސް ކޮށް އެ ސަހަރު ޒަމާނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ރާއްވަވަމުން ދާ ކަމަށް ޓްރަމްޕް ވަނީ އިޢުލާނު ކުރައްވައިފައެވެ. ޓްރަމްޕް ވިދާޅުވީ ޣައްޒާގެ ދެ މިލިޔަނަށް ވުރެ ގިނަ ރައްޔިތުން އުރުދުނާއި މިޞްރަށް ބަދަލު ކުރަން ޖެހޭ ކަަމަށެވެ. ޣައްޒާގެ ރައްޔިތުންނާ ޙަވާލުވުމަށް އުރުދުނާއި މިޞްރުން އެއްބަސް ނުވާނަމަ އެމެރިކާއިން އެ ދެ ޤައުމަށް ދެމުންދާ އެހީތައް ކަނޑައިލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ. ޣައްޒާގެ މައްޗަށް އެެމެރިކާއިން ވެރިވެގަތުމަށް ރޭވުންތައް ރާއްވަމުން ދާތީ މުޅި ޢަރަބި ދުނިޔެ އޮތީ އެކަމާ ހިތްހަމަ ނުޖެހި ރުޅިގަދަވެފައެވެ.

މީގެ 40އަށްވުރެ ގިނަ އަހަރު ކުރިން މިޞްރާއި ޔަހޫދީންނާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް ސޮއި ކުރި ފަހުން ޔަހޫދޫންނެކޭ އެއް ގޮތަކަށް މިޞްރަކީ އެމެރިކާގެ ފަރާތުން އެންމެ ގިނަ އަސްކަރީ އެހީ ލިބޭ އެއް ޤައުމެވެ. އެމެރިކާއާއި މިޞްރާ ދެމެދު އޮންނަ ގާތް ގުޅުމަކީ އެމެރިކާއިން މެދުއިރުމައްޗާ ގުޅޭގޮތުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަސާސެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް އެމެރިކާއިން ވަނީ މިޞްރަށް 1.3 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރު ކޮށްދީފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އިތުރު 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު މިޞްރަށް ވިއްކުމަށް ނިންމާފައެވެ.

މީގެ ކުރިން މިޞްރުން ބުނެފައި ވަނީ އެ ޤައުމުގެ ރައީސް ވައިޓް ހައުސަށް ވަޑައިގަތުމަށް މި މަހުގެ ކުރީކޮޅު ޓްރަމްޕް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އެމެރިކާއިން ބުނީ އެ ޒިޔާރަތަށް ވަކި ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ރައީސް ޓްރަމްޕާ ބައްދަލު ކުރައްވައި ޣައްޒާއާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމުގައި ވާނަމަ ސީސީ އެމެރިކާއަށް ދަތުރު ނުކުރައްވާނެ ކަމަށް ސީސީ ވަނީ ވިދާޅުވެފައެވެ.

މި ހަފުތާގެ ތެރޭގައި މިޞްރުގެ ޚާރިޖީ ވަަޒީރު ބަދްރު ޢަބްދުލް ޢާޠީ ވަނީ ވޮޝިންގޓަނަށް ދަތުރު ކުރައްވައިފައެވެ. އެ ދަތުރުގެ ބޭނުމަކީ މިޞްރުގެ ރައީސް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދިމާވެދާނެ އުނދަގޫ ޙާލަތްތައް މެދުވެރިވިޔަ ނުދިނުން ކަމަށް މިޞްރުގެ ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ދަތުރުފުޅުގައި އެމެރިކާގެ ޚަރިޖީ ވަޒީރު މާކޯ ރޫބިއޯއާ ބައްދަލު ކުރެއްވުމުން, ވޮޝިންގޓަނަށް ރައީސް ސީސީ ޒިޔާރަތް ކުރައްވައިފި ނަމަ ޣައްޒާގެ ރައްޔިތުން އެ ސަހަރުން ހުސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އޭގެ ޖަވާބުގައި ޢަބްދުލް ޢާޠީ ވަނީ އެ ފަދަ އެއްވެސް މަޝްވަރާއެއްގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވަގުތަށް މުހިންމީ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުގެ ފަރާތުން ކޮށްދެވޭނެ ކަންކަން ބަލައި އެ ކަމާ ގުޅޭ މަޝްވަރާތައް ކުރުން ކަމަށް ޢަބްދުލް ޢާޠީ ވަނީ ރޫބިއޯގެ އަރިހުގައި ދަންނަވާފައެވެ. މިޞްރުން ބައިވެރިވާ ޣައްޒާއާ ގުޅޭ އެ ފަދަ ކޮންމެ ރޭވުމެއްގައި ޣައްޒާގެ ރައްޔިތުންނަށް ޣައްޒާގައި ދެމިތިބެވޭނެ ކަން މިޞްރުން ޔަޤީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޓްރަމްޕްގެ ހުށަހެޅުމާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ އެމެރިކާގެ ފަރާތުން މިޞްރަށް ދޭ އަސްކަރީ އަދި އެހެނިހެން އެހީތައް ކަނޑައިލާނެ ކަމުގެ އިންޒާރު ރޫބިއޯ ތަކުރާރު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރޫބިއޯ ވަނީ ޓްރަމްޕްގެ ހުށަހެޅުންތަކާމެދު ފުންކޮށް ވިސްނާ އެ ހުށަހެޅުންތަކަށް ތައީދު ކުރުމަށް އެދިވަޑައިގެންފައެވެ.

ޣައްޒާގެ ރައްޔިތުން އެ ސަހަރުން ހުސް ކުރުމަށް މިޞްރުން ދުވަހަ ކުވެސް އެހީތެރި ނުވާނެ ކަމަށް ސީސީ ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ބޭރު ކޮށްލުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއްގެ އިތުރުން މިޞްރުގެ އަމިއްލަ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ރޯޔަލް ޔުނައިޓެޑް ސަރވިސް އިންސްޓިޓިއުޓުގެ އިސް ބޭފުޅެއް ކަމަށް ވާ އެޗް އޭ ހެލިހަރ ވިދާޅުވީ އެމެރިކާއާ ގާތްކުރާ މިންވަރަށް ވެސް މިޞްރަށް ހަތިޔާރު ފޯރުކޮށްދޭ އެހެން ޤައުމެއް ނެތް ކަމަށެވެ. އެތައް އަހަރެއް ވަންދެން މިޞްރާއި އެމެރިކާއާ ދެމެދު ބަދަހި ގުޅުމެއް އޮންނަ ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަމިއްލަ ޤައުމުގެ މަސްލަހަތު ގެއްލޭ ގޮތަކަށް އެ ފަދަ ގުޅުމެއް މިޞްރުން ދަމަހައްޓަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އުރުދުންގެ ރަަސްގެފާނު ޢަބްދުالله ވެސް ވަނީ ޓްރަމްޕަ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރަސްގެފާނު އަބްދުالله ފެނިފައި ވަނީ ނުތަނަވަސްވެ އުނދަގޫވެވަޑައިގެންފައި ހުންނެވި ހީވާ ފަދަ ގޮތަކަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޣައްޒާއާމެދު އޭނާ ގެންގުޅުއްވާ ތަަސައްވުރާ މެދު އަބްދުالله ރަސްގެފާނާ މަޝްވަރާ ކުރައްވައިފައެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނާޒުކު ޙާލަތެއްގައި

ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ފައްސާލުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ މި ދުވަސްވަރު 16 މަސް ދުވަހުގެ ދިގު ހަނގުރާމައަކަށް ފަހު މިދިޔަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣާއްޒާގައި ވެރިކަންކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން އޮތީ ނާޒުކު ހާލަތެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވަނީ އަސީރުން ބަދަލު ކޮށްފައެވެ. ނަމަވެސް ކުރިއަށް އޮތް ހޮނިހިރު ދުވަހު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަސީރުން މިނިވަން ނުކުރާނެ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ. ޔަހޫދީން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށާއި އެއްބަސްވުމަށް ޢަމަލު ކުރުން ހުއްޓައިލުމަށް ޔަހޫދީން އުޒުރުތައް ދައްކަމުންދާ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ.

ނަމަވެސް ފެބުރުވަރީ 15ގެ ކުރިން ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދީފައެވެ. އަދި ޣައްޒާ ޢުދުވާން އަލުން ފެށުމަށް ތައްޔާރުވުމަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނަށް އަމުރު ކޮށް ޔަހޫދީންގެ ރިޒާވް ސިފައިން ވެސް ހަނގުރާމަ އަށް ތައްޔާރު ވުމަށް ނަތަންޔާހޫ ވަނީ އަމުރު ކޮށްފައެވެ. އެ އަމުރާ އެކު ޔަހޫދީ ސިފައިން ވަނީ ބަރުހަތިޔާރާ އެކު ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވާން ފަށާފައެވެ.

މުހުލަތުގެ ކުރިން ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ ޣައްޒާގެ ރައްޔިތުންނަށް "ނަރަކައާ އެއް ފަދަ ބިރުވެރިކަމަކާ" ކުރިމަތިލާން ޖެހޭނެ ކަމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ އިންޒާރު ދެއްވާފައެވެ. އޭގެ އިތުރުން ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލު ކެޓްޒް ބުނީ ޣައްޒާގައި ދެން ހަނގުރާމަ ކުރާނީ މީގެ ކުރިން ހަނގުރާމަ ކުރި އިރު ހިންގި ޖަރީމާތަކަށް ވުރެ ބޮޑެތި ޖަރީމާތައް ހިންގަމުން ކަމަށެވެ. އަދި ޣައްޒާއާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިިޔާސަތާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ޙަމާސުން ބުނީ އެމެރިކާއާއި ޔަހޫދީ ދައުލަތުން ދޭ އިންޒާރަކަށް ޙަމާސުން ނުބަލާނެ ކަމަށެެވެ. ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުން ޤާއިމު ކުރުމަށް އެހީތެރިވެ ދިން ޤައުމުތަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށް ޙަމާސްގެ ތަރުޖަމާނު ހަޒާއިމް ޤާސިމް ވަނީ ވިދާޅުވެފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ކުރިމަގު ބަރޯސާ ވަނީ ނަތަންޔާހޫގެ ޢަމަލުތަކުގެ މައްޗަށް ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ. އަސީރުން ބަދަލުކޮށް ހަމަޖެހުން ޤާއިމު ކުރެވޭނީ ދެ ފަރާތުން ވެސް އަސީރުން ބަދަލު ކޮށްގެން ކަމަށް ޙަމާސުން ބުނެއެވެ.