ފައިގެ މަސްގަނޑު އިރައިގެން ގޮސް، އާސެނަލްގެ ފޯވާޑް ކައި ހަވާޓްޒްއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފިއެވެ.
އާސެނަލްގެ ޖަރުމަނު ފޯވަޑަ އަނިޔާވީ ދުބާއީގައި މިހާރު ހަދަމުންދާ ތަމްރީނުތަކުގަ އެވެ. އާސެނަލް އަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހާދީފައިވާ ފޯވަޑަށް އަނިޔާވުމަކީ އެ ޓީމުގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ. ސަބަބަކީ ޓީމުގެ މުހިންމު ތިން ފޯވަޑަކަށް ވެސް މިހާރު ވެސް އަނިޔާ ވެފައިވުމެވެ. އެއީ ބުކަޔޯކާ ސަކާ އާއި ގަބްރިއަލް މާޓިނެއްލީ އާއި ގަބްރިއަލް ޖެސޫސް އެވެ.
އާސެނަލްއިން ހަވާޓްޒްގެ އަނިޔާއާ ބެހޭ ގޮތުން މާގިނަ ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ކުލަބުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ ތިބީ ކުޅުންތެރިޔާ އަށް ލިބުނު އަނިޔާ އެސެސްކޮށް މުޅިން ނުނިމޭތީ އެވެ. އާސެނަލް އާއި ކުޅުންތެރިޔާ ވެސް އުއްމީދު ކުރަނީ އޮޕަރޭޝަނާ ނުލައި އަލުން ކުޅެން ނުކުމެވިދާނެ ކަމަށެވެ.
ގިނަ ބައެއްގެ ނަޒަރުގައި އާސެނަލްގެ ފޯވަޑް ލައިނުގައި މިވަގުތު ހުރި އެންމެ މުހިންމު ކުޅުންތެރިޔާ އަށް ކުޅިބަލަން ހުންނަން ޖެހުމަކީ މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް އެ ޓީމުން ކުރަމުން އަންނަ އުއްމީދުތައް ފެނަށްވުން ފަދަ ކަމެކެވެ. މި ސީޒަނުގައި 15 ގޯލު ޖަހާފައިވާ ހަވަޓްޒް އަށް އަނިޔާވިއިރު ފޯވަޑް ލައިނުގައި ކުޅެން ދެން ތިބި ކުޅުންތެރިން ވެސް އެތިބީ ފަރުވާ ހޯދުމުގަ އެވެ.
ހުސްވި ދެ ސީޒަނުގައި ވެސް އިނގިރޭސި ޕްރެމިއާ ލީގަށް އެންމެ ބޮޑަށް ވާދަކުރި އާސެނަލް މި ވަގުތު އޮތީ ޓޭބަލުގެ އެއްވަނާގައިވާ ލިވަޕޫލަށްވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ. އެ ޓީމަށް އެންމެ އަވަހަށް ކުޅެން ޖެހޭ މެޗަކީ އަންނަ އާދީއްތަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.