ޚަބަރު

ޣައްޒާ ޢުދުވާން ފަށައިފި ނަމަ ޔަހޫދީންނަށް ޙަމަލާ ދޭން ތައްޔާރު: ޙޫޘީން


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށައިފި ނަމަ، ޔަހޫދީންނަށް ޙަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ، ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންގެ ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ ޖަމާޢަތުން ޔަހޫދީންނަށް އިންޒާރު ދީފައި މި ވަނީ، ޣައްޒާ ޢުދުވާން މެދުކަނޑައިލުމާ ގުޅޭ ގޮތުން އަމަލު ކުރަމުންދާ އެއްބަސްވުން ރޫޅައިލުމާ މެދު ވިސްނަމުންދާ ކަން ޒަޔަނިސްޓު އިސްރާއީލުން ހާމަ ކުރުމާ ގުޅިގެންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ޤަތުލުޢާންމު ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފަށާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ.

ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. އެ އަދަދުތައް އަދިވެސް ދަނީ އުފުލެމުންނެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

ޣައްޒާ ޢުދުވާން ފެށުމާ އެކު، ފަލަސްޠީނުގެ މުސްލިމުންނާއި ޙަމާސަށް ވާގިވެރިވުމުގެ ގޮތުން ޔަމަންގެ ޙޫޘީން ވަނީ ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ހިންގަން ފަށާފައެވެ. އެ ހަރަކާތުގެ ދަށުން ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދިނުމުގެ އިތުރުން ޙޫޘީން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި، ބާބް އަލް-މަންދަބީ ކަނޑު އަދި އިންޑިޔާ ކަނޑުން ދަތުރު ކުރާ ބައެއް އުޅަނދުފަހަރަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.

އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރުގެ ތެރެއިން ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރާއި، އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރުގެ އިތުރުން ޔަހޫދީންގެ މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށެވެ. މި ގޮތުން، ޣައްޒާ ޢުދުވާން ފެށި ފަހުން އެ ސަރަޙައްދުން ދަތުރު ކުރި 100އެއްހާ އުޅަނދަށް ޙަމަލާދީ، ޙޫޘީން ވަނީ އޭގެ ތެރެއިން ދެ އުޅަނދު ފައްތައިލާފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އުޅަނދުފަހަރާއި، އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ، އެ ދެ ޤައުމުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެންނެވެ.

ޣައްޒާ ޢުދުވާން އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫ އިޢުލާނު ކުރުމުން ޙޫޘީން މި ވަނީ ޔަހޫދީންނަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމު ހިންގަން އަލުން ފަށައިފި ނަމަ، ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރަށް އޮތް ކަން ހާމަކޮށްފައެވެ.

ޙޫޘީންގެ ވެރިޔާ ޢަބްދުލްމާލިކު އަލް-ޙޫޘީ ވިދާޅުވީ، ޣައްޒާ ޢުދުވާން އަލުން ފަށައިފި ނަމަ، ޔަހޫދީން ހުއްޓުވަން ބާރުގެ ބޭނުން ކުރަން ތައްޔާރަށް އޮތް ކަމުގައެވެ. މީގެ ކުރިން ޔަހޫދީންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީން ވަނީ ނުރައްކާތެރި މިސައިލްތަކާއި، ރޮކެޓާއި، އަސްކަރީ ޑްރޯން އަދި ބެލިސްޓިކް މިސައިލް ފަދަ ޒަމާނީ ހަތިޔާރުތައް ބޭނުން ކޮށްފައެވެ. ޙަމަލާތައް މެދުކަނޑައިލާފައި ވަނީ، ޣައްޒާ ޢުދުވާން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމަށް ޔަހޫދީން އަމަލު ކުރަން ފެށުމާ އެކުގައެވެ.