ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރުމުގެ ނުރައްކާތެރިކަމަށް އަހުލުވެރިވާންވީ ހަމައެކަނި އެތްލީޓުންނާއި ކޯޗުން ނޫންކަމަށާއި ބެލެނިވެރިންނަކީވެސް މިކަމަށް އަހުލުވެރިބަޔަކަށް ވާން ޖެހޭކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ޠަލާލް މިހެން ވިދާޅުވީ "ކްލީން ސްޕޯޓް ޓްރެއިނިންގ ފޯރ ސައުތް އޭޝިއާ"ގެ ނަމުގައި ބުދަ ދުވަހު ބޭއްވި ސެމިނަރގައި ވާހަކަދައްކަމުންނެވެ.
ޠަލާލް ވިދާޅުވީ ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރުމުގެ ނުރައްކާތެރިކަމަށް މުޅި މުޖުތަމައު އަހުލުވެރިވާން ޖެހޭނެ ކަމަށާއި، ވަކިން ޚާއްސަކޮށް ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ މިކަމަށް އަހުލުވެރި ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
"ޒުވާން އެތްލީޓުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަން ކުރުވާ ހޭނުއްވުމުގައި ބެލެނިވެރިން ކުޅޭ ދައުރު ވަރަށް ބޮޑު. އެހެންކަމުން މިކުދިންނަށް އެންމެ ފުރަތަމަވެސް އެބަ ޖެހޭ މިކަމުގެ ނުރައްކާތެރިކަން ބުނެދޭން، އޭރުން ރަނގަޅު ވެލިއުތައް ކުދިންގެ ގައިގައި ފުރަތަމައިނުންވެސް އެބަ އަށަގަނޭ" ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރުން ހުއްޓުވުމަށް ގާނޫނެއް ހެދިފައިވަނީ މުހިންމު ސަބަބަކަށްޓަކައި ކަމަށްވެސް ޠަލާލް ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން ބައެއް ބޭހަކީ އެބޭސް ބޭނުންކުރުމުން ވަގުތީގޮތުން ކުޅުންތެރިންނަށް ބުންވަރާއި ހަކަތަ ލިއްބައިދޭ ބޭސްތަކެއް ނަމަވެސް މިއީ ވަގުތީ ކަމެއްކަން ޠަލާލް ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ހަގީގީ އުފާވެރިކަން ލިއްބައިދޭ ކަންކަން ބިނާވެފައިވަނީ ރިވެތި އަޚްލާޤާއި، ބުރަ މަސައްކަތާއި، ގަދަ އަޅާ ކުރާ މަސައްކަތުގެ މައްޗައްކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. އަދި މި ސިފަތައް ހޯދައިގެންފިނަމަ ލިބޭ ކާމިޔާބީއަކީ އުމުރަށް ލިބިގެންދާނެ ކާމިޔާބީއެއްކަމަށްވެސް ޠަލާލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
"ބުންވަރާއި ހަކަތަ ޖެއްސުމަށް ބޭނުންކުރާ މަސްނޫޢީ ތަކެތީގެ ސަބަބުން އެލިބެނީ ދާއިމީ ހައްލެއް ނޫން. ކުޅިވަރުގައި ގިނަ ދުވަހަށް ދެމިގެންދާ ލެގަސީއެއް ބޭނުން ނަމަ އަޅުގަނޑުމެން އެބަ ޖެހޭ މަނާ ބޭހާއި ދުރުވެ، ކްލީން ސްޕޯޓްސްއަށް މަރުހަބާކިޔަން" ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވިއެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި ސެމިނަރގައި ދިވެހިރާއްޖެ ހިމެނޭހެން ބައިވެރިވި އެހެން ޤައުމުތަކަކީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޝްރީލަންކާއެވެ.
ކުޅިވަރާއި ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވުނު މި ސެމިނަރ ބާއްވާފައިވަނީ ހެންވޭރު ބޯޅަ ގޭގައެވެ.