ޚަބަރު

އަސީރުން މިނިވަން ނުކޮށްފި ނަމަ ޣައްޒާ ޢުދުވާން އަލުން ފަށާނެ ކަމުގެ އިންޒާރު ދީފި


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ހުރިހާ އަސީރުން ފެބުރުވަރީ 15ވަނަ ދުވަހު މިނިވަން ނުކޮށްފި ނަމަ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާން އަލުން ފަށާނެ ކަމުގެ އިންޒާރު ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ. އޭނާ މި ފަދަ މޭރުމަކުން އިންޒާރު ދީފައި މި ވަނީ، އެ މުހުލަތުގެ ކުރިން ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ ޣައްޒާގެ ރައްޔިތުންނަށް "ނަރަކައާ އެއް ފަދަ ބިރުވެރިކަމަކާ" ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. އެ އަދަދުތައް އަދިވެސް ދަނީ އުފުލެމުންނެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

އެއްބަސްވުމަށް އިޙުތިރާމު ކުރުން މަތީ ޙަމާސުން ދެމިއޮންނާނެ

ފެބުރުވަރީ 15ވަނަ ދުވަހު ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ، ސުލްޙައިގެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާނެ ކަމަށް ބުނެ، އަނިޔާވެރި ނަތަންޔާހޫ އިންޒާރު ދިނުމާ ގުޅިގެން ޙަމާސުން ވަނީ ބަޔާނެއްގެ ނެރެފައެވެ. ޙަމާސުން ބުނީ، އެއްބަސްވުން ދެމެހެއްޓުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެއްބަސްވުމުގައިވާ ތާވަލާ އެއްގޮތަށް އަސީރުން މިނިވަން ކުރަމުންދާނެ ކަމުގައެވެ. ޔަހޫދީން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށާއި، އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމަށް އުޒުރުތައް ދައްކަމުންދާ ކަމުގައި ވެސް ޙަމާސުން ބުންޏެވެ.

16 މަހަށް ދެމިގެން ދިޔަ ޣައްޒާ ޤަތުލުޢާންމު މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޙަމާސުން މިހާރު ވެސް ދަނީ އިޙުތިރާމު ކުރަމުންނެވެ. އަދި، އެއްބަސްވުމާ އެއްގޮތަށް އަސީރުން މިނިވަން ކުރަމުންނެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް، ފެބުރުވަރީ 10ވަނަ ދުވަހު ޙަމާސުން ވަނީ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލަން ޖެހިދާނެ ކަމަށާއި، އަސީރުން މިނިވަން ކުރުން މެދުކަނޑައިލަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި، އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް އެ މީހުންގެ މަދަދުގާރުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބާރު އަޅާފައެވެ.

ފެބުރުވަރީ 15ގެ ކުރިން ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ، ދެން ޢުދުވާންތައް ހުއްޓައިލާނީ ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހުގައި ކަމުގައެވެ. އޭނާގެ އަމުރަށް ޔަހޫދީން އެންމެ ފުރަތަމަ ޣައްޒާ ޢުދުވާން ފަށާފައި ވަނީ ވެސް ޙަމާސް ނައްތައިލުމުގެ ނަމުގައެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ އަމާޒު ހާސިލުވެފައި ނުވާ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ތައްޔާރު ވަނީ

ޙަމާސަށް އިންޒާރު ދިނުމަށް ފަހު، ނިރުބަވެރި ނަތަންޔާހޫ ވަނީ ޣައްޒާ ޢުދުވާން އަލުން ފެށުމަށް ތައްޔާރުވުމަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނަށް އަމުރު ކޮށްފައެވެ. އެ އަމުރާ އެކު ޔަހޫދީ ސިފައިން ވަނީ ބަރުހަތިޔާރާ އެކު ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވާން ފަށާފައެވެ. އަދި، އިސްރާއީލުގެ ދެކުނުގެ ސަރަޙައްދުތަކަށް އިތުރު ސިފައިންގެ ލަޝްކަރުތައް ފޮނުވަން ފަށާފައިވާ ކަމުގައި ވެސް ޔަހޫދީން ފައުޖުން އިޢުލާނު ކުރިއެވެ.

ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެމުން ޙަމާސްގެ އިސް އޮފިޝަލަކު ބުނީ، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް އޮތީ އެންމެ މަގެއް ކަމުގައެވެ. އަދި، އެއީ ޢުދުވާންތައް މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުން ދަމަހައްޓައި، އެއަށް އިޙުތިރާމު ކުރުން ކަމުގައެވެ. "ޓްރަމްޕް ހަނދާން ކުރަން ޖެހޭނެ ދެ ފަރާތުން ވެސް އިޙުތިރާމު ކުރަން ޖެހޭ އެއްބަސްވުމެއް ވެވިފައިވާ ކަން، އަދި އެއީ [އިސްރާއީލުގެ] އަސީރުން މިނިވަން ކުރެވެން އޮތް ހަމައެކަނި މަގު ކަން،" ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވިއެވެ.

ޙަމާސުން ބުނީ، ސުލްޙައިގެ އެއްބަސްވުމާ ޚިލާފު ގިނަ އަމަލުތަކެއް ޒަޔަނިސްޓު ދައުލަތާއި ޔަހޫދީ ފައުޖުން ކުރަމުންދާ ކަމުގައެވެ. އެ ޖަމާޢަތުގެ ހަތިޔާރުއެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުގެ ތަރުޖަމާނު އަބޫ ޢުބައިދާ ވިދާޅުވީ، އެ އަމަލުތަކުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދަތުރު ކުރުމަށް ހުރަސް އެޅުން ހިމެނޭ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރުން ވެސް ހިމެނޭ ކަމުގައެވެ. މީގެ އިތުރުން، ޔަހޫދީން ދަނީ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސް އަޅަމުންނެވެ.