ޚަބަރު

ރޮޑްރީގެ ބެނާގެ ސަބަބުން އިތުރު ހިތްވަރެއް ލިބުނު: ވިނިޝިއަސް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ކުރިން ސަޕޯޓަރުން ދަމާފައިވާ ބެނާގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް ރެއާލް މެޑްރިޑްގެ ފޯވަޑް ވިނިޝިއަސް ޖޫނިއަރ ބުނެފި އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ދަމާފައިވާ ބެނާ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އޮތް ބެލޮންޑިއޯ އެވޯޑް ގައި ރޮޑްރީ އަށް އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު އެ މަގާމު ވިނިޝިއަސް އަށް ނުލިބޭނެކަން ކުރިން އެނގުމާއި ގުޅިގެން އެ ހަފްލާ ރެއާލް މެޑްރިޑް އިން ބޮއިކޮޓް ކުރުމާއި ގުޅިގެން ވިނިޝިއަސް އަށް އަމާޒުކޮށް ދަމާފައިވާ ބެނާ އެކެވެ.

މެންޗެސްޓަރ ސިޓީގެ ސަޕޯޓަރުން ދަމާފައިވާ ބެނާގައި ބެލޮންޑިއޯ އެވޯޑާއިއެކު ރޮޑްރީ ނަގާފައިވާ ފޮޓޯއެއް ޖަހާފައިވާއިރު އޭގައި ލިޔެފައިވަނީ ރުއިން ހުއްޓާލުމަށް ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވިނިޝިއަސް ބުނެފައިވަނީ އޭނާއަށް އެ ބެނާ ފެނުނު ކަމަށާއި އަދި އިދިކޮޅު ޓީމުގެ ސަޕޯޓަރުން ކުރާ މިފަދަ ކަންތައްތަކުގެ ސަބަބުން އޭނާއަށް އަބަދުވެސް ލިބެނީ މެޗުގައި ރަގަޅު ކުޅުމެއް ދެއްކުމަށް އިތުރު ހިތްވަރެއް ކަމަށާއި އަދި މި މެޗުގައިވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ.

މިއީ މި މުބާރާތުގައި ޖެހިޖެހިގެން ހަތަރު ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރި ފަސްވަނަ ފަހަރެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑް އިން ވަނީ ޕެނަލްޓީ ޖަހައިގެން ސިޓީ ބަލިކުރުމަށްފަހު ގޮސް މުބާރާތުގެ ޗެމްޕިއަންކަން 15 ވަނަ ފަހަރަށް ހޯދާފަ އެވެ.

ވިނިޝިއަސް އިތުރަށް ބުނެފައިވަނީ މި މުބާރާތުގައި ރެއާލް މެޑްރިޑް އިން ހޯދާފައިވާ ކާމިޔާބީތަކާއި މުބާރާތުގެ ރެކޯޑްތައް ސިޓީ އާއި ސިޓީގެ ސަޕޯޓަރުންނަށް އެނގޭނެ ކަމަށާއި އަދި ފަސްވަނަ ފަހަރަށް ސިޓީގެ ދަނޑަށް އައިސް ކުޅުނު މެޗުން މޮޅުވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މި ދެ ޓީމުގެ ދެވަނަ ލެގުގެ ކުރިމަތިލުން އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގަ އެވެ.