ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ބަންގްލަދޭޝްއަށް ވުރެ ނަތީޖާ ރަނގަޅުވާނީ އަފްޣާނިސްތާން ކަމަށް ބެލޭވޭ ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަން ރިކީ ޕޮންޓިން ބުނެފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ޕާކިސްތާނުގައި ފަށާ އަށް ގައުމުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކުރީގެ ތަޖުރިބާކާރު ބުނީ ބަންގްލަދޭޝް ޓީމުގެ ފެންވަރު ކުރިއަށްވުރެ ދެރަ ކަމަށެވެ.
"އެއްވެސް ދޮގެއްނޫން. އަހަރެންނަށް އެމީހުން އެންމެ ފަހުން ކުޅުނު މެޗުތައް ބަލާފައި ފެންނަނީ އެގޮތަށް. އެމީހުންގެ ކުރީގެ ފެންވަރެއްގައެއްނޫން މި ފަހުން ކުޅުނު ގިނަ މެޗުތައް ކުޅެފައިވަނީ،" ޕޮންޓިން ބުންޏެވެ.
ކްރިކެޓް ވޯލްޑްކަޕް އޮސްޓްރޭލިޔާ އަށް ކާމިޔާބުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޕޮންޓިން ބުނީ ބަންގްލަދޭޝްގެ ވަރުގަދަކަން ފެނިގެންދަނީ އަމިއްލަ ގައުމުގައި ކުޅޭއިރު ކަމަށެވެ.
ނަމަވެސް ޕާކިސްތާނާއި ދުބާއީގައި ކުޅޭ މުބާރާތުގައި ބަންގަލްދޭޝް ޓީމުގެ ފެންވަރު ނުދެއްކުން ގާތް ކަމަށެވެ. ސަބަބަކީ ބަންގްލަދޭޝްގައި ކުޅޭ ދަނޑުތަކާއި ޕާކިސްތާން އަދި ދުބާއީގެ ދަނޑުތަކުގެ ފެންވަރު އަދި ހާލަތު ތަފާތުވުން ކަމަށެވެ.
އޭނާ ބުނީ ދެ ގައުމުގެ ފޯމަށް ބަލާއިރު މިދޔަ އަހަރު ބަންގްލަދޭޝް އަތުން އަފްޣާނިސްތާން މޮޅުވުމުން މި ދެ ޓީމު ކުރެ މިހާރު މޮޅީ ކޮންބައެއްކަން ދެނެގަތުމަށް ވެސް ފަސޭހަ ކަމަށެވެ.
މުބާރާތުގައި މި ދެ ގައުމު ހިމެނެނީ ދެ ގްރޫޕެއްގަ އެވެ. ބަންގްލަދޭޝް ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ނިއުޒީލޭންޑް ހިމެނޭ ގްރޫޕް އޭ ގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްޣާނިސްތާނާއި އިންގްލަންޑެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 20ގައި ބަންގްލަދޭޝް ކުޅޭނީ އިންޑިޔާއާ ދެކޮޅަށެވެ. މި މެޗު ކުޅެނީ ދުބާއީގަ އެވެ. އެއީ އިންޑިޔާ ޓީމު ޕާކިސްތާނަށް ދިއުން އިންޑިޔާ ސަރުކާރުން މަނާކޮށްފައިވާތީ އެވެ.