ޚަބަރު

މުވައްޒަފުންގެ ސްކީމްގައި ފެނަކައިން ބައިވެރިވެއްޖެ


ކޮންމެ މަހަކު މުސާރައިން އުނިކޮށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މުވައްޒަފުންގެ ސްކީމްގައި ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކަށް ޙައްޖާއި ޢުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ތަޢާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ މިކަމަށްޓަކަ ކޯޕަރޭޝަން ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު  ނިމާލް ވިދާޅުވީ، ސަރުކާރުން ޙައްޖު ކޯޕަރޭޝަން މެދުވެރި ކުރައްވާ ސަރުކާރުގެ މުވައްޒަފުންނަށް، މިފަދަ ސްކީމްތަކެއްގެ ދަށުން ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާތީ އެކަމާއި ޝުކުރު އަދާކުރާ ކަމަށެވެ. އަދި  ސްކީމްގެ ސަބަބުން ޒުވާން އުމުރުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިވެގެން ހިގައްޖެކަމަށެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުން ސްކީމަށްދޭ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އަދި  މިއަހަރު ނިމުމުގެ ކުރިން، ސަރުކާރުގެ ހުރިހައި މުއައްސަސާއެއް މިސްކީމްގައި ބައިވެރިވާނޭކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އަމިއްލަ އޮފީސްތަކާއި، ކުންފުނިތަކުން މި ސްކީމްގައި ބައިވެރިވުމަކީ އެކުންފުނީގެ ވަރަށް ބޮޑު އެދުމެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންގެ ސްކީމްގައި ބައިވެރިވުމާއެކު، މިހާރު މި ސްކީމްގައި ބައިވެރިވި ސަރުކާރުގެ އިދާރާތަކުގެ އަދަދު ވަނީ 25 އަށް އަރާފައެވެ.