މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި މިކްސްޑް ޓީމު ޖޫނިއަރ ބައިގެ ފައިނަލަށް ރާއްޖޭގެ މޫސާ ނުޢައިމް ހުސައިން އަދި މަރްޔަމް އީޝަލް މިސްބާހުގެ ޕެއާ ދަތުރުކޮށްފިއެވެ.
ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ދެން އޮންނާނީ ބްރޯންޒް މެޑަލް މެޗެވެ.
މި މެޗުގައި ރާއްޖޭގެ ނުޢައިމް އަދި އީޝަލްގެ ޕެއަރ ބައްދަލުކުރާނީ މެލޭޝިއާގެ ޚަދީޖާ ސައްޔެދާ އަދި ޖަސްޓިން ޖޮއޭންސް އަނަކްގެ ޕެއަރއާއެވެ.
އޭޝިއަން ކަޕް ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައި އޭޝިއާގެ 22 ޤައުމަކުން ބައިވެރިވެފައިވާއިރު މިއީ ރާއްޖޭން މި މުބާރާތުގެ ޖޫނިއަރ ކެޓެގަރީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލައިގެން "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް" މިދިޔަ އަހަރު ކުރިއަށް ގެންގޮސްފަވާއިރު، އެ މުބާރާތުގައިވަނީ ޖޫނިއަރ ކެޓަގަރީ އަލަށް ތައާރަފް ކޮށްފައެވެ. މިގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ޓްރަޔަލްސްތަކަކަށްފަހު މުބާރާތުގައި ވާދަކުރަން ކުޅުންތެރިން ހޮވުނެވެ.
އިސްކަންދަރު ސްކޫލުގެ އުމުރުން 15 އަހަރުގެ މޫސާ ނުޢައިމް ހުސައިން އަދި މަޖީދިއްޔާ ސްކޫލުގެ މަރްޔަމް އީޝަލް މިސްބާހްއަކީ "ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް"އިން ރަން ވަނަތަކެއް ހޯދާ ޝޫޓިންގެ ގައުމީ މުބާރާތުން ފުރުސަތު ހޯދި އުއްމީދީ ދެ އެތުލީޓުންނެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އެތުލީޓުންނެވެ.
އޭޝިއަން ކަޕް ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައި ރާއްޖޭގެ ޕެއަރ ބައްދަކުރާ މެޗް އޮންނާނީ ފެބްރުއަރީ 12 ވާ ބުދަ ދުވަހުއެވެ.