ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން ފެބްރުއަރީ 15ވަނަ ދުވަހުގެ ކުރިން މިނިވަން ނުކޮށްފި ނަމަ، އެ ޖަމާޢަތަށް "ނަރަކައާ އެއް ފަދަ ބިރުވެރިކަމެއް" ދައްކައިލައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް އަދި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. އޭނާ ވިދާޅުވީ، ޙަމާސުން އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުން އުވައިލުމަށް ޒަޔަނިސްޓު އިސްރާއީލަށް ބާރު އަޅުއްވާނެ ކަމުގައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. އެ އަދަދުތައް އަދިވެސް ދަނީ އުފުލެމުންނެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.
ޖަނަވަރީ 15ވަނަ ދުވަހު މެންދުރުވުމުގެ ކުރިން ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ ޙަމާސަށް "ނަރަކައާ އެއް ފަދަ ބިރުވެރިކަމެއް" ދައްކައިލައްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް، އެ ކަމާ ޒަޔަނިސްޓުން ދެކޮޅު ހެދުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ކަމަށް ބާރު އެޅުމުގެ ގޮތުން ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ޙަމާސުން އެންމެ ފަހުން މިނިވަން ކޮށްފައިވާ އަސީރުންގެ ޞިއްޙީ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އިތުރު އަސީރުން މިނިވަން ކުރުން ހުއްޓައިލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ދީފައިވާ ދަނޑިވަޅެއްގައެވެ. ޙަމާސުން މި ކަމުގެ އިންޒާރު ދީފައި މި ވަނީ، ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީން ޚިލާފުވަމުންދާ ކަމަށް ބުނެއެވެ.
މި ކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ބައިބަޔަށް ބަހައިލައިގެން އަސީރުން މިނިވަން ކުރުމާ އޭނާ ދެކޮޅު ކަމުގައެވެ. "އަޅުގަނޑުމެން ބޭނުމީ އެ އެންމެން އެއް ފަހަރާ [ދޫކޮށްލުމަށް]،" އޭނާ ވިދާޅުވިއެވެ. އަދި، ހުރިހާ އަސީރުން މިނިވަން ކުރުމަށް ދީފައިވާ ޖަނަވަރީ 15ވަނަ ދުވަހުގެ މެންދުރު 12ގެ މުހުލަތަކީ އެކަށީގެންވާ މުހުލަތެއް ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ފޭރިގަނެ، އެއީ އެމެރިކާގެ ބިމެއްގެ ގޮތުގައި ކަނޑައަޅައި، އެއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރަން ބޭނުންވާ ކަން ވެސް ކުރިން ޓްރަމްޕް ހާމަ ކުރައްވާފައިވެއެވެ. އޭނާ އެ ކަން ހާމަ ކުރައްވާފައި ވަނީ ފެބުރުވަރީ 4ވަނަ ދުވަހު އަނިޔާވެރި ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. އެ ކަން ކުރެވޭނީ، ޣައްޒާގެ ރައްޔިތުން އުރުދުނާއި މިޞްރަށް ބަދަލު ކޮށްގެން ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެ ކަމަށް ގޮވައިލައްވާފައެވެ.
ނަމަވެސް، އުރުދުނާއި މިޞްރުގެ އިތުރުން ޢަރަބި ޤައުމުތަކުން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. މި ކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުންވާ ގޮތަށް އުރުދުނާއި މިޞްރުން އަމަލު ނުކޮށްފި ނަމަ، އެމެރިކާއިން އެ ދެ ޤައުމަށް ފޯރުކޮށްދެމުންދާ އެހީތައް ހުއްޓައިލަން ޖެހިދާނެ ކަމުގައެވެ. "[އެމެރިކާއަކީ] ކޮންމެ އަހަރަކު އެ ދެ ޤައުމަށް ބިލިޔަނުން، ބިލިޔަނުން ޚަރަދު ކުރާ ޤައުމެއް،" އުރުދުނާއި މިޞްރަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޣައްޒާ ފޭރިގަތުމާ ގުޅޭ ގޮތުން ޓްރަމްޕް ވާހަަކަފުޅު ދައްކަވަމުން ގެންދަވަނީ ދެ އަނގައިންނެވެ. އެކި ފަހަރު އެކި ގޮތަށެވެ. އޭނާ އެންމެ ފުރަތަމަ ވިދާޅުވީ، ޣައްޒާ ހުސްކޮށް، އެ ތަނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލު ކުރާނެ ކަމުގައެވެ. މި ހުށަހެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭލުމަށް ނިންމާފައި ވަނީ ވަގުތީ ގޮތުން ކަމަށް ބުނެފައެވެ. ނަމަވެސް، ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ޙައްޤު އޮންނާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެ ކަމަށް އިންކާރު ކުރައްވާފައެވެ. "ނޫން، އެ ފުރުޞަތެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މި ދައްކަނީ އެ މީހުންނަށް [ޣައްޒާގެ ރައްޔިތުން އެހެން ޤައުމެއްގައި ވަޒަންވެރިކޮށް] ދާއިމަށް ދިރިއުޅެވޭނެ ބިމެއް ހަމަޖައްސައިދޭނެ ވާހަކަ."
ޣައްޒާ ފޭރިގަނެ، އެ ސަހަރުގެ އަހުލުވެރިން އެހެން ޤައުމަކަށް ބަދަލު ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އަދި، ޣައްޒާގެ ރައްޔިތުންނާއި ޢަރަބި ޤައުމުތަކުން ދަނީ ފާޅުގައި އެ ކަމަށް އިންކާރު ކުރަމުންނެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުގެ އިތުރުން އދން ވެސް ބުނީ، އެއީ ނަސްލެއް ނައްތައިލުމުގެ ޖަރީމާއަކަށް ވާނެ ކަމުގައެވެ.