ޚަބަރު

ޔަހޫދީން އެއްބަސްވުމާ ޚިލާފުވާތީ، އަސީރުން މިިނިވަން ކުރުން ޙަމާސުން މެދުކަނޑާލައިފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީން މިނިވަން ކުރުން ލަސްކޮށްފައިވާ ކަމަށް އެ ޖަމާޢަތުން ބުނެފި އެވެ. ޙަމާސުން ބުނި ގޮތުގައި ރަހީނުން މިނިވަންކުރުން ލަސްކުރަން ޖެހުނީ، ޙަމާސާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ޚިލާފުވަމުންދާތީއެވެ. މި އިންޒާރާ އެކު، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފެށުމުގެ ބިރު ބޯމަވެތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. އެ އަދަދުތައް އަދިވެސް ދަނީ އުފުލެމުންނެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

އަސީރުން މިނިވަން ކުރުން ލަސްކުރިކަން ޙަމާސުން ހާމަކޮށްފައި މި ވަނީ، ފެބްރުވަރީ 15ވަނަ ދުވަހު އިތުރު އަސީރުންތަކެއް މިނިވަން ކުރުމަށް ޙަމާސުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޙަމާސްގެ އިންޒާރާ އެކު، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ޢާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. އަދި، އެއްބަސްވުން ދެމެހެއްޓުމަށް ޒަޔަނިސްޓު ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ވެރިރަށް ތެލް އަވީވުގެ 'ހޮސްޓެޖް ސްކޮއެޔަރ'ގެ ނަން ދީފައިވާ މައިދާނަށް އެއްވެފައެވެ.

ޙަމާސުން ބުނީ، ދެން އަސީރުން މިނިވަން ކުރުމަށް ހަމަޖެހިފައިވާ ތާރީޚުގެ ފަސް ދުވަސް ކުރިން އެ ޖަމާއަތުގެ ނިންމުން ހާމަކުރީ، ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރު އެޅުމުގެ ފުރުޞަތު އޭނާގެ މަދަދުގާރުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިނުމުގެ ގޮތުން ކަމުގައެވެ. ޙަމާސްގެ އިންޒާރާ އެކު ޔަހޫދީ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޔަހޫދީން ދަނީ އެެއްބަސްވުމާ ޚިލާފުވަމުން

ޒަޔަނިސްޓުންގެ ނިރުބަވެރި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒު ބުނީ ޙަމާސުން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު އަލުން ފެށުމުގެ ގޮތުން ތައްޔާރީ ހާލަތަކަށް ދިޔުމަށް އޭނާ ވަނީ ޔަހޫދީ ފައުޖަށް އިރުޝާދު ދީފައެވެ. އަދި، ޙަމާސުން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ތައްޔާރުވުމަށް ވެސް އަމުރު ކޮށްފައެވެ.

ޙަމާސުން ބުނީ، ސުލްޙައިގެ އެއްބަސްވުމާ ޚިލާފު ގިނަ އަމަލުތަކެއް ޒަޔަނިސްޓު ދައުލަތާއި ޔަހޫދީ ފައުޖުން ކުރަމުންދާ ކަމުގައެވެ. އެ ޖަމާޢަތުގެ ހަތިޔާރުއެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުގެ ތަރުޖަމާނު އަބޫ ޢުބައިދާ ވިދާޅުވީ، އެ އަމަލުތަކުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދަތުރު ކުރުމަށް ހުރަސް އެޅުން ހިމެނޭ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރުން ވެސް ހިމެނޭ ކަމުގައެވެ. މީގެ އިތުރުން، ޔަހޫދީން ދަނީ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސް އަޅަމުންނެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، އަމަލު ކުރަން ފެށުމަކީ މިޞްރާއި ޤަޠަރުން މެދުވެރިންގެ ގޮތުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެ ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ބައިވެރިވިއެވެ. މިޞްރުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމުގެ ބިރު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ.

ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 16 މީހުން މިނިވަން ކޮށްފައެވެ. އަދި، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން އެ ޖަމާޢަތުން ޖުމުލަ 33 އަސީރުން މިނިވަން ކުރާނެއެވެ. އޭގެ ބަދަލުގައި، ޔަހޫދީން ވަނީ ޖަލުތަކުގައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 566 މީހުން މިނިވަން ކޮށްފައެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޔަހޫދީން ވެސް ފަލަސްޠީނުގެ 1,900ށްވުރެ ގިނަ މީހުން މިނިވަން ކުރަން ޖެހޭނެއެވެ.