ޚަބަރު

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވަނީ


  • މި އެކްސިޑެންޓް ހިނގާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު

  • އެކްސިޑެންޓްވި މީހާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް

މިމަހުގެ 1 ވަނަ ދުވަހު ބުރިޖު ހައިވޭ މަތީގައި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވި މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ބްރިޖުގައި ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި ބަހައްޓާފައިހުރި ކޯނުތަކެއްގައި ޖެހި މިމަހުގެ 1ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި މަރުވީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ 30 އަހަރުގެ ޖާވިދު ޗައުދަރީއެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި އެކްސިޑެންޓު ތަޙުޤީޤުކުރަމުންދާ ކަމަށެވެ. އެގޮތުން މި ހާދިސާގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުން ޖާވިދު ޗައުދަރީ ދުއްވަމުން ދިޔަ ސައިކަލް ކޯނުގައި ޖެހި ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ވެއްޓިފައި އޮތް މީހާ ގައިގައި ޖެހުމުން ސައިކަލު މަޑުކުރިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެކްސިޑެންޓްވި މީހާގެ ގައިގައި ޖެހުނު ސައިކަލު ޓޮވކޮށް، ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައިފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފެހެއްޓި މުއްދަތު އިތުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.