އަންނަ ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑުގެ ލިމިޓަށް އިތުރު 1500 ޑޮލަރު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވާފައިވާކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުގެ މިހާރުގެ ލިމިޓަކީ 250 ޑޮލަރެވެ. ނަމަވެސް ރައީސްގެ މި ނިނެމްވުމާއެކު ކޮންމެ ޢުމްރާވެރިއަކަށް 1750 ޑޮލަރު ރަސްމީ ރޭޓުގައި ލިބޭނެއެވެ. ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ އާއެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ…
— Dr Mohamed Muizzu (@MMuizzu) February 10, 2025
ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ގިނަ ޢަދަދެއްގެ ދިވެހީން ޢުމްރާގެ އަޅުކަމަށް ދެއެވެ. އަދި ޢުމްރާގެ އަޅުކަމަށްދާ ދިވެހީންގެ ޢަދަދު އަންނަނީ އިތުރުވަމުންކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރު ފެށުނު އިރު ބޭރުފައިސާގެ އައު ޤާނޫނަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ބޭރު ފައިސާގެ އައު ޤާނޫނާއެކު އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި ރައްޔިތުންނަށްކަމަށެވެ. މިގޮތުން ދިވެހިން ބޭރަށް ދިއުމަށް ލިބޭ 500 ޑޮލަރު 1000 ޑޮލަރަށް މަތިކޮށްދިނުމާއި، ބޭރުފައިސާގެ މުޢާމަލާތްތަކަށް ކާޑު ލިމިޓު މަތިވުމުގެ އިތުރުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ލިމިޓު މިކަމުގެ ސަބަބުން މަތިކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ބޭންކުތަކަށް ޑޮލަރު މާރުކުރުމުން ރައްޔިތުންގެ ބޭނުންތަކަށް މި ފައިސާ ބޭނުން ކުރަން ހުރުމަކީ މިފަދަ ޤާނޫނަކާއި ޤަވާއިދެއްގެ ތެރެއިން ސަރުކާރުން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އަމާޒުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ މަހެއްހާ ދުވަހު 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށާއި، ބޭރު ފައިސާގެ ދަތިކަމަށް ޙައްލު އަންނަން ފަށާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.