ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވަނީ ރިސޯޓު މަޝްރޫޢުތަކަށް 400 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއްގެ ލޯނު ދޫކޮށްފައިކަމަށް އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، "ގްރީން ރިސޯޓް ފައިނޭންސިންގ" ފެސިލިޓީ ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން އަހަރަކު 150 މިލިޔަނަށްވުރެ ގިނަ މުޢާމަލާތް ޕްރޮސެސްކުރާކަމަށެވެ. މި މުޢާމަލާތްތަކުގެ އަގު ގާތްގަނޑަކަށް 500 ބިލިޔަން ރުފިޔާއަށް އަރާކަމަށާއި، މީގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރެވޭ ގިނަ ޢަދަދެއްގެ ޑޮލަރުގެ މުޢާމަލާތްތައް ހިމެނޭކަމަށެވެ. ޖުމުލަ 48 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އެސެޓަކާއި %57 ގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯއަކާއެކު، ބޭންކުން ވަނީ މާލީ ހަރުދަނާކަން ދެމެހެއްޓުމާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ބީއެމްއެލްއިން ވަނީ ރިސޯޓު މަޝްރޫޢުތަކަށް 400 މިލިޔަން ޔޫއެސް ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ފައިނޭންސްކޮށްދީފައެވެ. އަދި މިވަގުތު ރިސޯޓުތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 6 ބިލިޔަން ރުފިޔާއަށް އަރާ". ޝަރީފް ވިދާޅުވިއެވެ.
ރިސޯޓު ތަރައްޤީކުރުމަށް ފައިނޭންސްކޮށްދިނުމުގެ އިތުރުން، ބޭންކުން ވަނީ ވަރކިންގ ކެޕިޓަލް، ވިޔަފާރި ފައިނޭންސިންގ، އަދި ޑިޖިޓަލް ޕޭމަންޓް ޙައްލުތައް ހުށަހަޅާފައިކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ވިޔަފާރިތަކާއި ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއްނެތި މުޢާމަލާތްތައް ކުރެވޭނެކަން ކަށަވަރުކޮށްދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.