ޚަބަރު

ލާޒިމު ނޫން ތަންތަނުގައި ހެލްމެޓު އަޅައިގެން އުޅޭނަމަ ހުއްޓުވަނީ


  • ހެލްމެޓް އެޅުން ލާޒިމުވާނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުވައްވާ ސަރަަހައްދުތަކުގައި

  • ހެލްމެޓު އެޅުންލާޒިމު ނޫންތަންތަނުގައި ހެލްމެޓު އަޅާނަމަ ހުއްޓުވައި ސުވާލުކުރާނެ

ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭނަމަ، އެމީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެއްގަމު އުޅަނދުތައް ދުއްވާއިރު، އެ އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި އެކަންޏެވެ. ނަމަވެސް ހެލްމެޓު އެޅުން ލާޒިމު ނޫންތަންތަނުގައި ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަން ފާހަގަކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ހެލްމެޓު އެޅުން ލާޒިމު ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އެހެންކަމުން ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މާރާމާރިއާއި ޢާންމު ކުށްތައް މަދުކުރުމަށް ފުލުހުން އަންނަނީ ސިލްސިލާކޮށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.