ސްޕެއިން އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ ސާޖިއޯ ރާމޯސް މެކްސިކޯގެ މޮންޓެރޭ އަށް ސޮއިކޮށްފި އެވެ.
އުމުރުން 38 އަހަރުގެ ސާޖިއޯ ރާމޯސް މޮންޓެރޭ އަށް ސޮއި ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރާމޯސް މޮންޓެރޭ އަށް ބަދަލުވެފައިވާއިރު, ކުރިއަށް އޮތް ހޫނު މޫސުމުގައި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި މެކްސިކޯ ތަމްސީލު ކުރާނީ މޮންޓެރޭ އެވެ.
ސްޕެއިންގެ ސެވިއްޔާ އިން މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން ފެށި ރާމޯސް ސްޕެއިންގެ ލަލީގާގައި ފުރަތަމަ މެޗެއް ކުޅެފައިވަނީ 04-2004 ވަނަ އަހަރުގެ ސީޒަނުގައި ސެވިއްޔާއަށެވެ. އަދި އޭގެ ދެ އަހަރު ފަހުން އޭނާ ވަނީ ސްޕެއިންގެ ގަދަ ބާރު, ރެއާލް މެޑްރިޑާއި ގުޅި އެ ކްލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ސާޖިއޯ ރާމޯސް ވަނީ ރެއާލް މެޑްރިޑާއި އެކު ޖުމްލަ 22 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި 5 ފަހަރު މަތިން ލަލީގާގެ ޗެމްޕިއަންކަން ހޯދާފައިވާއިރު ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ހަތަރު ފަހަރު ފީފާ ކްލަބް ވޯލްޑް ކަޕް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.
ރެއާލް މެޑްރިޑް ދޫކޮށް ރާމޯސް ދެން ބަދަލުވެފައިވަނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އަދި އެ ކްލަބާއިއެކު ހޭދަކުރި ދެ ސީޒަނުގައި އޭނާ ވަނީ ފްރެންޗް ލީގު ވަންގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އެނބުރި އޭނާގެ ކުރީގެ ކްލަބް ކަމުގައިވާ ސެވިއްޔާއަށް ބަދަލުވެފަ އެވެ.
ސްޕެއިންގެ ގައުމީ ޓީމަށް ސާޖިއޯ ރާމޯސް ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕް އާއި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން އިން ކާމިޔާބު ކުރިއިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ސާޖިއޯ ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ 2023 ވަނަ އަހަރު އެވެ.