ޚަބަރު

ލ.އިސްދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި


  • 55 ޓަނުގެ 2 އާރްއޯ ޕްލާންޓް ތަރައްޤީކޮށްފައިވޭ

ލ.އިސްދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ 2023 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ އިސްދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 55 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 60 ޓަނުގެ ވާރޭ ފެން ޕްލާންޓަކާއި 400 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކަކާއި 415 ޓަނުގެ ބޯފެން ރައްކާކުރެވޭ 2 ޓޭންކު ބަހައްޓާފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 25 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް ޤާއިމުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.


އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ އިސްދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓަރާ ޙަވާލުކުރެވިފައިވާކަމަށެވެ. އަދި 245 ގޭބީސީއެއްގައި ފެނުގެ ޚިދުމަތް ޤާއިމްކޮށްފައިވާއިރު، ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިސްދޫ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެސްއެމްސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ވަނީ އިސްދޫ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައެވެ. މިއީ އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކެކެވެ.