ޚަބަރު

ފަލަސްތީނު މީހުން ސަޢުދީ ޢަރަބިއްޔާއަށް ފޮނުވައިލާ ވާހަކަ ނަތަންޔާހޫ ދެއްކުމުން މިސްރުގެ ނުރުހުން


ފަަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމްކުރާނީ ސަޢުދީ ޢަރަބިއްޔާގައި ކަމަށް ދޭހަވާ ގޮތަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިޞްރުން ހިތްހަމަނުޖެހުން ފާޅު ކޮށްފިއެވެ.

ޔަހޫދީންގެ ޓީވީ ޗެނަލަކަށް ނަތަންޔާހޫ ބަސްދީގަތުމެއް ދެމުން ދަނިކޮށް އެ ޕްރޮގުރާމް ހުށަހެޅި ފަރާތަށް އަނގައޮޅި ފަލަސްޠީނުގެ ދައުލަތޭ ބުނަން އުޅުމުގެ ތެރޭގައި ބުނެވުނީ ސަޢުދީ ދައުލަތެވެ. އޭނާއަށް އެހެން ބުނެވުމުން ނަތަންޔާހޫ ވަނީ ރަނގަޅު ގޮތަކީ ފަލަސްޠީނުގެ ދައުލަތް ކަމަށް ބުނެފައެވެ. އޭނާ ބުނަން އުޅުނީ ސަޢުދީ ޢަރަބިއްޔާގައި ފަލަސްޠީނުގެ ދައުލަތް ޤާއިމް ކުރާ ވާހަކަތޯ އަހައި ސަޢުދީ ޢަރަބިއްޔާއަކީ ބިންބޮޑު ޤައުމެއް ކަމަށް ފާހަގަކޮށް ނަތަންޔާހޫ ވަނީ އިންޓަވިއު ކުރި މީހާއާ ސަމާސާ ކޮށްފައެވެ.

މިޞްރުން ނެރުނު ބަޔާނެއްގައި އެ ކަން ކުށްވެރިކޮށް ބުނީ ފަލަސްޠީނުގެ ދައުލަތް ސަޢުދީ ޢަރަބިއްޔާގައި ގާއިމު ކުރުމާ ގުޅޭ ގޮތުން އެ ފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ. އެ ފަދަ ޚިޔާލެއް ދިނުމަކީ ސީދާ ސަޢުދީ ޢަރަބިއްޔާގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ސަޢުދީ ޢަރަބިއްޔާގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމަކީ މިޞްރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެ ބަޔާނުގައި ސީދާ ނަތަންޔާހޫގެ ނަން ބަޔާން ކޮށްފައެއްް ނުވި ނަމަވެސް އެ ފަދަ ވާހަކަތަކަކީ ދާޚިލީ އުސޫލުތަކާއި ޚިލާފު ވާހަކަތަކެއް ކަމަށް މިޞްރުން ވަނީ ފާހަގަ ކޮށްފައެވެ.

މި ހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްޠީނުގެ ޣައްޒާއިން އެ ޤައުމުގެ ރައްޔިތުން ހުސްކޮށް އެ ސަރަޙައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނެސް ޒަމާނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އެ ސަހަރު ތަރައްޤީ ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ފަލަސްޠީނުގެ ރައްޔިތުން މިޞްރަށާއި އުރުދުނަށް ބަދަލު ކުރެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ ހުށަހެޅުމުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒު ވެފައެވެ.

އޭގެ ފަހުން ޓްރަމްޕް ވަނީ ޔަހޫދީންނާއެކު ޚާރިޖީ ގުޅުން ޤާއިމު ކުރުމުގެ ޝަރުތެއްގެ ގޮތުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރަން ސަޢުދީ ޢަރަބިއްޔާއިން ޝަރުތު ކޮށްފައި ނުވާ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ޓްރަމްޕް އެހެން ވިދާޅުވުމުން ސަޢުދީ ޢަރަބިއްޔާއިން ބުނީ ފަލަސްޠީނުގެ މިނިވަން ދައުލެއް ޤާއިމު ނުކުރެވޭހާ ހިނދަކު ޔަހޫދީންނާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ.