އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ވިގަން އެތްލެޓިކް އާއި ދެކޮޅަށް ފުލަމް ކުޅުނު މެޗުގައި ރޮޑްރިގޯ މުނީޒް ޖެހި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ފުލަމް މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ވިގަން އެތްލެޓިކްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 23 ވަނަ މިނިޓުގައި ފުލަމްގެ ރޮޑްރިގޯ މުނީޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޕްރިމިއާ ލީގުން ރެލިގޭޓްވެ ލީގު ވަންގައި މިވަގުތު ވާދަކުރަމުންދާ ވިގަން އެތްލެޓިކް އަށް ފުލަމް އިން ލީޑު ނެގިތާ ފަސް މިނިޓު ފަހުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ޓީމަށް ވަނީ އެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ވިގަން އެތްލެޓިކް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮން ސްމިތު އެވެ.
ނަމަވެސް ވިގަން އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ފަސް މިނިޓު ފަހުން ފުކަންގެ މުނީޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މި މެޗުގައި ފުލަމް އަށް ލީޑު ނަގައިދީފަ އެވެ.
ވިގަން އެތްލެޓިކް އަށް ވަނީ މި މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
މި މުބާރާތުގެ ފަސްވަނަ ބުރުގައި ފުލަމް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ހޯމަ ދުވަހު ބާއްވާ ގުރުއަތުލުމަށްފަހުގަ އެވެ.