ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ މެންޗެސްޓާ ސިޓީގެ ޓީމުގައި އަނިޔާގައި ހުރި މިޑްފީލްޑަރު ރޮޑްރީ ހިމެނި ނަމަވެސް އޭނާ އަކީ ނެތް މީހެއް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑް އެންމެ ފަހުން ހާސިލްކުރި ރޮޑްރީ އަންނަނީ މި ސީޒަން ފެށުމާއެކު ލިބުނު އަނިޔާއަކަށް ފަރުވާ ކުރަމުންނެވެ. ގާޑިއޯލާ ބުނީ ހުސްވި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޭނަށް ހޯދައިދީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮޑްރީ އަށް ކުޅެވޭނެ ކަމަށް އޭނާ ގަބޫލު ކުރަނީ އަންނަ ސީޒަނުގައި ކަމަށެވެ.
"ރަނގަޅު އޭނާ އެ ވަނީ ލިސްޓުގައި ޖަހާފައި. އެކަމަކު އަހަރެންނަށް އޭނާ އަކީ ނެތް މީހެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި ރޮޑްރީ ކުޅޭނީ އަންނަ ސީޒަނުގައި. މި ސީޒަނުގައި އޭނާ ހުރި ކަމަށް ނުބަލަން. އެކަމަކު އޭނާ އެއްކޮށް ރަނގަޅު ވެގެން ސީޒަނުގެ ފަހުކޮޅު ކުޅެން ފަށައި ޓީމަށް އެހީވާން ފަށައިފިނަމަ އެއީ ވަރަށް ބޮޑު އެހީއަކަށްވާނެ. އެކަމަކު އަހަރެން އެކަމަށް ވެސް އުއްމީދެއް ނުކުރަން،" ގާޑިއޯލާ ބުންޏެވެ.
މެންޗެސްޓާ ސިޓީގެ ޓީމު މި ސީޒަނުގައި ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ފާއިތުވެދިޔަ ހަތަރު އަހަރުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަނުން ގަދަ ހަތަރަކަށް އެރީ ސީޒަން ދެބައިވި ފަހުންނެވެ. ކޯޗު ބުނަނީ މި ސީޒަނުގައި ތަށި ނުލިބޭނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ޕްލޭއޯފް ބުރަށް ކޮލިފައިވީ ކިރިޔަކިރިޔާ އެވެ. ގާޑިއޯލާ ބުނީ މި ހުރިހާ ދެރަ ނަތީޖާތަކުގެ މައިގަނޑު ސަބަބަކީ ވެސް ރޮޑްރީ ނެތުމުން ކަމަށާއި އޭނާ ކުޅޭ މަގާމު ފޫ ބެއްދޭނެ އެހެން ކުޅުންތެރިއަކު ނެތުން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްގައި ސިޓީ ކުޅެން ޖެހޭނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ އެވެ. މި މެޗުތައް ކުޅޭނީ މި މަހުގެ 11 އާއި 19ގަ އެވެ. މިހެންވެ ލިސްޓުގައި ޖެހި ނަމަވެސް މި ރެއާލްއާއެކު ކުޅޭ ދެ މެޗުގައި ވެސް ރޮޑްރީ އަށް ނުކުޅެވޭނެ އެވެ.