ސިޔާސީ

ޕީޕީއެމްގެ ޤައުމީ ޖަލްސާ އަންނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވަނީ


ޕީޕީއެމްގެ ޕްރައިމެރީއާމެދު ގޮތެއް ނިންމެވުމަށް އެޕާޓީގެ ޤައުމީ ޖަލްސާ އަންނަ އަހަރުގެ ނޮވެމްބަރމަހުގެ ތެރޭގައި ބޭއްވެވުމަށް އެޕާޓީގެ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމް ނިންމަވައި، އެކަން އިޢުލާންކުރައްވައިފިއެވެ.

ޕީޕީއެމްގެ އިޞްލާޙީ އެޖެންޑާ ކުރިޔަށް ގެންދަވާނެ ޓައިމްލައިނެއް އެކުލަވާލައްވައި، އެ ޓައިމްލައިން ރައީސް މައުމޫން މިއަދު ވަނީ ޢާއްމުކުރައްވާފައެވެ. އެ ޓައިމްލައިންގައިވާ ގޮތުން އަންނަ އަހަރުގެ ނޮވެމްބަރމަހު ބާއްވާ ޤައުމީ މަޖިލީހުން ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ފާސްވެއްޖެނަމަ 2018 ވަނަ އަހަރުގެ ފެބްރުއަރީމަހު ޕްރައިމެރީގެ ވޯޓްލުން ބާއްވާނެއެވެ. އަދި ރިޔާސީ ކެމްޕެއިން 2018 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރަސްމީގޮތުން އިފްތިތާޙްކުރުމަށްވެސް ރައީސް މައުމޫން މިއަދު ޢާއްމުކުރެއްވި ޓައިމްލައިންގައިވެއެވެ.

މީގެއިތުރުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ޔައުމިއްޔާތައްވެސް ފޮނުއްވައިދެއްވުމަށް ރައީސް މައުމޫން އަންގަވާފައިވެއެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި މިހާތަނަށް ބޭއްވި ބައްދަލްވުންތަކާއި އެ ބަދަލްވުންތަކުގެ ޙާޟިރީއާއި ނިންމި ކަންކަން އެނގޭގޮތަށް ޔައުމިއްޔާތައް 10 ދުވަހުގެ ތެރޭގައި ފޮނުވުމަށް ރައީސް މައުމޫން، ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕަށް މިއަދު ފޮނުއްވި ސިޓީގައި އަންގަވާފައިވެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމެރީއެއް ބާއްވާނެ ޓައިމްލައިނެއް ރައީސް މައުމޫން  އެކުލަވާލައްވާފައި މިވަނީ ރައީސް ޢަބްދުﷲ ޔާމީނަށް ޕްރައިމެރީއަކާ ނުލައި ޓިކެޓް ދެއްވަން އެޕާޓީގެ ކައުންސިލް ބައެއް މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި ބައެއް ވަޒީރުންވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.