ޚަބަރު

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށް ރާއްޖެ


  • އޯޖީޕީގެ މެމްބަރު ޤައުމަކަށް ރާއްޖެވުމުން ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރު މަރުޙަބާ ދެންނެވި

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށްވުމަކީ ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އޯޖީޕީއާ ރާއްޖެ ރަސްމީކޮށް ގުޅުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާކަން ހާމަކުރައްވާފައިވަނީ ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. ވަޒީރު އާދަމް ޝަރީފް ވަނީ އޯޖީޕީގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއިން ގުޅުމަކީ ރައިީސްގެ އިސްނެންގުވުމާއި ދުރުވިސްނުންފުޅުގެ ތެރެއިން ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ވިދާޅުވީ ރާއްޖެއިން އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެކަމަށެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެހީތެރިވެދޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިން ވަޒީރު ވަނީ ފިލިޕީންސްގެ އެކި ޑިޕާޓްމަންތްތަކުގެ އިސްވެރިންނާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ކުރިއަށްގެންދެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ފިލިޕީންސްއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފިިލިޕީންސްގެ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި ފިލިޕީންސްގެ ލޯކަލް ގަވަމަންޓްގެ މަސައްކަތްތައް ހިންގާ ޑިޕާޓްމަންޓާއި ބައްދަލުކުރައްވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ ފިލިޕީންސްގެ ކައުންސިލްތަކުން ފާހަގަވާ ރަނގަޅު ކަންތައްތައް ބެލުމަށް ފަހު ރާއްޖޭގެ ކައުންސިލްތަކުގެ ހިންގުން ރަނގަޅުކުރުމަށްޓަކައި ޕްރޮގްރާމެއް ހިންގުމަށް ނިންމަވާފައިވާކަމަށެވެ.

އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް ބައްދަލުވުން ކުރިއަށްދިޔައީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށެވެ. އަދި މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނާއި އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ސްޓޭކް ހޯލްޑަރުން ބައިވެރިވިއެވެ.