ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލުގެ ރޭ ރޯމާ އާއި ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗުގައި އެ ޓީމާއި އަލަށް ގުޅުނު ޖޮއާއޯ ފެލިކްސް ޖެހި ލަނޑާއެކު 3-1 ގެ ނަތީޖާއަކުން އޭސީ މިލާން މޮޅުވެއްޖެ އެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ފަންސާސް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި ޓެމީ އަބްރަހަމް ވަނީ ލަނޑެއް ޖަހާ އޭސީ މިލާނަށް ކުރި ހޯދަދީފަ އެވެ.
އަދި އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރޯމާ އިން މި ސީޒަނުގެ ނިޔަލަށް ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުންދާ ޓެމީ އަބްރަހަމް މި މެޗުގައި ދެ ލަނޑު ޖެހުމާއިއެކު ރޯމާގެ ސަޕޯޓަރުން ވަނީ އޭނާއަށް މަލާމާތްކޮށް ދިމާކޮށްފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޓެމީ އަބްރަހަމް ބުނެފައިވަނީ ރޯމާ އަކީ އޭނާއަށް ޚާއްސަ ކްލަބެއް ކަމަށާއި އަދި އެ ކްލަބް ކޮޅަށް ލަނޑު ޖެހުމަށްފަހު އޭނާ އެކަން ފާހަގަ ނުކުރާ ކަމަށާއި ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ ހުތުރު އަމަލުތަކެއް ކަމަށެވެ. އަދި މިއީ ފުޓްބޯޅަ ކަމަށާއި މިފަދަ ކަންތައްތައް ހިނގާނެކަން އޭނާ ގަބޫލުކުރާކަމަށްވެސް ވަނީ ބުނެފަ އެވެ.
ރޯމާ އިން ވަނީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަގަޅުކޮށް މިލާނުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އަދި މެޗުގެ 54 ވަނަ މިނިޓގައި އާޓެމް ޑޯވްބީކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
ރޯމާއިން ލަނޑު ޖެހިތާ ހަތަރު މިނިޓު ފަހުން އޭސީ މިލާނުގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ވަނީ އެއްފަހަރާ ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ދެ ފޯވަޑުން ކަމުގައިވާ ކްރިސްޓިއަން ޕުލިސިޗް އާއި ޓެމީ އަބްރަހަމްގެ ބަދަލުގައި ޖޮއާއޯ ފެލިކްސް އާއި ސެންޓިއާގޯ ޖިމެނޭޒް ވަނީ ކުޅެން އަރުވާފަ އެވެ.
މިއީ ޖެނުއަރީ ޓްރާންސްފާގެ ފަހު ދުވަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އިން އޭސީ މިލާނަށް ބަދަލުވި ޖޮއާއޯ ފެލިކްސް އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި މެންޗެސްޓަރ ސިޓީ އިން އޭސީ މިލާނާއި ދާދިފަހުން ގުޅުނު ކައިލް ވޯލްކާވެސް ވަނީ މި މެޗުގައި ކުޅެފަ އެވެ.
އޭސީ މިލާނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖިމެނޭޒް ދިން ބޯޅައަކުން ޖޮއާއޯ ފެލިކްސް އެވެ.