ކުޅިވަރު

އާސެނަލްގައި ތޫނު ދަތެއް ނެތް: ކުރީގެ ކުޅުންތެރިން


އާސެނަލް އަކީ ތޫނު ދަތް ނެތް ޓީމެއް ކަމަށް އެކުލަބުގެ ކުރީގެ ކުޅުންތެރިން އަނެއްކާ ވެސް ބުނަން ފަށައިފި އެވެ.

ކުރީގެ ކުޅުންތެރިން މިހެން ބުނަން ފެށީ ކަރަބޯ ކަޕް ސެމީ ފައިނަލްގައި ރޭ ނިއުކާސަލް އަތުން 2-0 އިން ބަލިވެ މުބާރާތުން ކެޓުމުންނެވެ.. އަދި އަނެއްކާ ވެސް މިއީ ހުސް އަތާ ނިންމާލަން ޖެހިދާނެ ސީޒަނަކަށް ވުމުގެ ބިރު ހީވާން ފެށުމުންނެވެ.

މިކަމާ ގުޅިގެން ކޯޗު އާޓެޓާ ބުނީ އޭނާގެ ޓީމު މި ސީޒަނުގައި ތައްޓެއް ހޯދާނަމަ ޕްރެމިއާ ލީގުގައި ވަރަށް ބުރަކޮށް މަސައްކަް ކުރަންޖެހޭ ކަމަށެވެ.

"އަހަރުމެންގެ ފޯކަސް ވަރަށް ބޮޑަށް މިހާރު ބަހައްޓަން ޖެހިފައި މިވަނީ ޕްރެމިއާ ލީގަށް. އެއްވެސް މެޗެއް ދޫކޮށްލައިގެން މިހާރު ވާކަށް ނެތް. ކުޅުންތެރިންނަށް އަހަރެން ދޭން އޮތް ނަސޭހަތަކީ ފޯކަސް ގެއްލުވާނުލައި ކުރިއަށް ދިއުމަށް،" އާޓެޓާ ބުންޏެވެ.

އާސެނަލް އަށް ދެން މެޗެއް އޮތީ 10 ދުވަސް ފަހުންނެވެ. މިހެންވެ އެ ޓީމުން ޑުބާއީގައި ތަމްރީނުތައް ހަދާނެ އެވެ. އެއަށް ފަހު 41 ދުވަހުގެ ތެރޭގައި 12 މެޗު ކުޅެންޖެހޭތީވެ އާޓެޓާ ބުނީ ކުރިއަށް އޮތީ ވަރަށް އުނދަގޫ ދުވަސްތަކަކަށް ވާނެ ކަމަށެވެ.

"އަހަރުމެން އެބަ ޖެހޭ މިކަމާ ވަރަށް ވިސްނުންތެރިކަމާއެކު ކުރިއަށް ދާން. މިއީ ވަރަށް އުނދަގޫ މެޗުތަކަށްވާނެ. އަހަރުމެންގެ އުއްމީދުތައް ވަރަށް މަތިވެރި. ފާއިތުވި މެޗުތަކުގެ ނަތީޖާއިން ކުރާނެ ކަމެއްނެތް. އަބަދުވެސް ކުރިއަށް ދެވޭނީ ކުރިއަށް ވިސްނައިގެން،" އާޓެޓާ ބުންޏެވެ.

އާސެނަލް އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަށްވެފައިވަނީ ފޯވަޑުންގެ ފޯމު ކެޓުމެވެ. މީގެ އިތުރުން ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް އަށް އަނިޔާވުމެވެ. އޭނާގެ އަލުން ކުޅެން ނުކުންނަން ވަގުތު ނަގާނެ ކަމަށް ކޯޗު އާޓެޓާ ވަނީ ބުނެފަ އެވެ.