ޚަބަރު

ސިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަމްރީން ފުރުސަތުތައް ފަހިކުރަން ކޮރެއާއާއެކު މަޝްވަރާކުރައްވައިފި


  • މިމަޝްވަރާކުރެއްވީ ސިއްޙަތާ ބެހޭ ވަޒީރު ދެކުނު ކޮރެއާގެ ވައިސް މިނިސްޓަރ އޮފް ހެލްތާ ބައްދަލުކުރައްވާ

ސިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަމްރީން ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ދެކުނު ކޮރެއާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާޙިމް، ދެކުނު ކޮރެއާގެ ވައިސް މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއާ، އެޗްއީ.ޕާކް މިންސޫއާ ބައްދަލުކުރައްވައެވެ.

މިބައްދަލުކުރެއްވުން ބާއްވާފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް، ސްވިޓްޒަލޭންޑުގެ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިބައްދަލުކުރެއްވުމުގައި ސިއްޙީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެެ.

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާޙިމްގެ މި ދަތުރުފުޅަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ސްވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ވަނީ ސިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން އަލިއަޅުވާލައްވާފައެވެ.

ވަޒީރު ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ "ހެލްތު ފޯރ އޯލް" މި ޝިޢާރުގެ ދަށުން ޞިއްޙީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް، އެއްވެސް މީހަކު އިސްތިސްނާނުކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.