ކުޅިވަރު

ބާސެލޯނާގެ އެއްވަނަ ކީޕަރުކަން ޝެޒްނީއަށް


ސްޕެއިންގެ ބާސެލޯނާގެ އެއްވަނަ ގޯލްކީޕަރުކަން ޕޮލަންޑުގެ ތަޖުރިބާކާރު ކީޕަރު ވޮސިއެޗް ޝެޒްނީއަށް ދީފިއެވެ.

ކޯޗު ހަންސީ ފްލިކް މިކަން އިއުލާނު ކުރަމުން ބުނީ އޭނާގެ ވަޒީފާ އަކީ ކަންކަން ނިންމުން ކަމަށާއި ނަމަވެސް ކަމެއް ނިންމަނީ ޓީމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.

"އަހަރެން މިހުރި މަގާމުގެ ގޮތުން ކަންކަން ނިންމަންޖެހޭ. އަހަރެން ކަންކަން ނިންމަނީ އަހަރެންގެ (ކޯޗިން) ޓީމާ ވާހަކަ ދެއްކުމަށްފަހު. އަހަރެން ބަލަނީ ޓީމަށް އެންމެ ފައިދާ ހުރި ގޮތަށް. މި ގޮތުން ބަލާއިރު ޝެޒްނީ އަކީ ޓީމަށް މުހިންމު އަދި ވަރަށް ތަޖުރިބާކާރު އަދި އެހާމަ ރަނގަޅު ޝަހުސިއްޔަތެއް،" ފްލިކް ބުންޏެވެ.

ޖަރުމަނުގެ ގައުމީ ޓީމާއި އެ ގައުމުގެ ބަޔާން މިއުނިކަށް ވެސް ކުރިން ކޯޗުކޮށްދިން ފްލިކްގެ މި ނިންމުމާމެދު އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައިހުރި މީހަކީ ޒުވާން ކީޕަރު އިނާކީ ޕެންޔާ އެވެ.
އުމުރުން 25 އަހަރުގެ ކީޕަރު އެއްވަނަ ކީޕަރު އަދި ކެޕްޓަން ޖަރުމަނުގެ މާކް އަންދްރޭ ޓާސްޓެގަން އަށް އަނިޔާވުމުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޝެޒްނީ ރިޓަޔާކޮށްގެން ހުއްޓައި އޭނާ ބާސެލޯނާ އަށް ގެނައީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އުމުރުން 34 އަހަރުގެ ކީޕަރު މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބާސެލޯނާ ބަލިނުވެ އެވެ.

ބާސެލޯނާގެ ކަންކަން ދިރާސާކުރާ ނޫސްވެރިން ބުނަނީ ޕެންޔާ މިހާރު ޓީމް މީޓިންތަކުގައި ވެސް އިންނަނީ ޓީމާ އެކެހެރިކޮށް ވަކިން ކަމަށެވެ. ސަބަބަކީ އޭނާގެ މަގާމު ޝެޒްނީ އަށް ދިނުން ކަމަށެވެ. އަދި މިކަމާހުރެ މި ސީޒަން ނިމުމުން ޓީމު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ޕެންޔާ ވިސްނަމުންދާ ކަމަށެވެ.

މީގެ ކުރިން ގަލަޓަސަރާއީ އަށް ވެސް ލޯނު އުސޫލުން ކުޅުނު ޕެންޔާ އަލުން ބާސެލޯނާ އަށް ގެނައީ
މިދިޔަ ސީޒަނުގަ އެވެ. އެއީ ގަލަޓަސަރާއީގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ބާސެލޯނާގެ އެއްވަނަ ކީޕަރުކަން އޭނާ ކޮށްފާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް އޭނާ އަތުން ދޭތެރެ ދޭތެރެއިން އާދައިގެ ގޯސްތައް ހެދޭކަމީ ކޯޗުންގެ އިތުބާރު ގެއްލިގެންދާ ސަބަބެކެވެ.