ޚަބަރު

ޖިނީން ރެފިއުޖީ ކޭމްޕުން 23 ވަރަކަށް އިމާރާތް ބިމާ ހަމަކޮށްލައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހުރި 23 ވަރަކަށް އިމާރާތް ސުންނާފަތިކޮށް ބިމާ ހަމަކޮށްލައިފިއެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޖިނީން ރެފިއުޖީ ކޭމްޕުގެ އިމާރާތްތައް ބިމާ ހަމަކޮށްލާފައި ވަނީ ގޮވާތަކެތި ބޭނުން ކޮށްގެންނެވެ. ޔަހޫދީން ގެއްލުން ދީފައި ވަނީ ޢާންމު ރައްޔިތުން ދިރިއުޅޭ އިމާރާތްތަކަށެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަރަޙައްދަށް އަރައިގަނެފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، ޔަހޫދީ ނިރުބަވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަރުގާރަކީ އަދި ބައިވެރިއަކީ އެމެރިކާއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ޖިނީން ހަސްފަތާލަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި އެ ހަސްފަތާލުގެ ވެރިޔާ ވަސާމް ބަކަރް ވިދާޅުވިއެވެ. އެ ހަސްފަތާލު ކައިރީގައި ހުރި އިމާރާތްތަކަށް ދީފައިވާ ޙަމަލާތަކުގައި ހަސްފަތާލުގެ އެއްވެސް މުވައްޒަފެއް، އަދި ބަލި މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޖިނީން ރެފިއުޖީ ކޭމްޕަކީ އެތަކެއް ހާސް ރެފިއުޖީން ދިރިއުޅޭ ތަނެކެވެ. އެއީ، 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދައުލަތް އުފެއްދުމަށް، އަމިއްލަ ވަޒަނުން ބޭރުކޮށްފައިވާ ފަލަސްޠީނުގެ ރެފިއުޖީންނެވެ. މިއީ، ޖިނީން ރެފިއުޖީ ކޭމްޕަށް އަރައި، ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ.

ޖަނަވަރީ 21ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޖަނީނަށް ވަދެގަނެފައި ވަނީ ބަރު ހަތިޔާރާ އެކުގައެވެ. އެ މީހުންނަށް ވާގިވެރިވުމަށް، އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރަށް ނިރުބަވެރި ޙަމަލާތައް ދިނުމަށް ޔަހޫދީ ފައުޖުގެ އަސްކަރީ ހެލިކޮޕްޓަރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުމަށް ޔަހޫދީ ސިފައިން ދަނީ ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުން ކުރަމުންނެވެ.

ޔަހޫދީ ސިފައިން ހުޅަނގު އައްސޭރިއަށް ޢުދުވާންތައް ފުޅާ ކޮށްފައި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމަށް ފަހުއެވެ. 2023 އޮކްޓޫބަރު 7ވަނަ ދުވަހު ފެށި ޖަރީމާތައް މެދުކަނޑައިލާފައި ވަނީ، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި 46,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 111,000އަށްވުރެ މައްޗަށް އުފުލިފައެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ)ން ބުނީ، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޖިނީން ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ 20,000އެއްހާ މީހުންގެ ގެދޮރު ނެތިކޮށްލާފައިވާ ކަމުގައެވެ. އަދި، އެ މީހުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ. ޖިނީންގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ތެދުވުމަށް ޙަމާސުން ވަނީ އެ ޖަމާޢަތުގެ މުޖާހިދުންނަށް ގޮވައިލާފައެވެ.

ޖިނީންގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 25އަށް އުފުލިފައެވެ. އޭގެ ތެރޭގައި 73 އަހަރުގެ އުމޫރަކާއި ދެ އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. ޖަނީންގެ އިތުރުން ހުޅަނގު އައްސޭރީގެ ޚަލީލްގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގައި 27 އަހަރުގެ މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ދައުލަތުގެ މީޑިޔާއިން ހާމަކުރިއެވެ.