އިޓަލިއަން ސެރިއާގައި މިލާނުގެ ވާދަވެރި ދެ ކްލަބު ކަމުގައިވާ އޭސީ މިލާނާއި އިންޓަރ މިލާން ރޭ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު އިންޓަރ މިލާން އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އޭސީ މިލާނަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ. އަދި އެއްވަނައިގައި އޮތް ނަޕޮލީ އަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އޭސީ މިލާނުންނެވެ. މި ލަނޑު މެޗުގެ 45 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓިޖާނީ ރެއިންޑާސް އެވެ.
އޭސީ މިލާނުން މި ލަނޑު ޖެހުމުގެ ކުރިން އިންޓަރ މިލާނުގެ ލައުޓާރޯ މާޓިނޭޒް އާއި ފެޑެރީކޯ ޑިމާކޯ ވަނީ ދެ ފަހަރު މަތިން އޭސީ މިލާނުގެ ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް އެ ދެ ފަހަރުވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލުތަކެއް ކަމަށް ނިންމާފަ އެވެ.
އިންޓަރ މިލާނުގެ ކޯޗު ވަނީ މި މެޗުގެ ދެވަނަ ހާފުގައި ފަސް ބަދަލު ގެނެސްފަ އެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސްޓެފަން ޑެވްރީޖް އެވެ.
މި މެޗު އެއްވަރުވެފައިވާއިރު އިންޓަރ މިލާނުން ވަނީ މި ސީޒަނުގެ ލީގުގައި މެޗަކުން ބަލިނުވެ 17 މެޗުން ހަމަކޮށްފަ އެވެ.