ޚަބަރު

ޕާޓީއަށް ވަނުމަށް އީ-ފާސް ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


  • އީ-ފާސް ބޭނުންކުރަން ފެށުމުން ދިމާވެދާނެ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ

  • އީ-ފާސް މެދުވެރިކޮށް ހުށައެޅޭ ގޮތް ހެދުމަށް ނިންމާފައިވަނީ މިމަހުގެ 15އިން ފެށިގެން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އީ-ފާސް މެދުވެރިކޮށް ރެޖިސްޓްރީވެވޭ ގޮތް ހެދުމާ ބެހޭގޮތުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީއާއެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ގޮތް ހަދައިފިނަމަ، ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ އީ-ފާސްގެ ތެރެއިން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ޕޯޓަލް މިހާރު ޑިޒައިންކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ބަދަލު ގެނައުމުން މީހާއަށް ނޭނގި އެކި ޕާޓީތަކަށް ވައްދާ މައްސަލަ ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ޕާޓީތަކުގެ ދަފްތަރުގެ ޞައްހަކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށް އީސީން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެވެސް ނިމޭ ހިސާބާ ދިމާކޮށް ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ފެން މަތިވެއެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތާއެކު މިކަމަށް ދާއިމީ ހައްލެއް އަންނާނެއެވެ.