ޚަބަރު

އެމެރިކާގެ އަސްކަރިއްޔާއިން ސޮމާލިޔާއަށް ބޮންއަޅައިފި


އެފްރިކާ ބައްރުގެ އިރުއުތުރުގައި އޮތް ސޮމާލިޔާއަށް އެމެރިކާގެ އަސްކަރިއްޔާއިން ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ސޯޝަލް މީޑިޔާ މަންސަ، ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިރުބަވެރި ޖަމާޢަތް، އައިއެސްގެ މެންބަރުންނަށް ކަމުގައެވެ.

"ހޮހޮޅަތަކުގައި ފިލައި ތިބި އެ ޤާތިލުންނަކީ އެމެރިކާއާއި އަޅުގަނޑުމެންގެ އެކުވެރިންނަށް ނުރައްކާ ކުރަމުން ދިޔަ ބަޔެއް. ޙަމަލާތަކުގައި އެ މީހުން ފިލައި ތިބި ހޮހޮޅަތައް ވަނީ ސުންނާފަތި ކޮށްލާފައި، އަދި ނިރުބަވެރިންގެ ތެރެއިން ގިނަ އަދެދެއްގެ ބަޔަކު މަރައިލާފައި، ޙަމަލާތަކުގައި ޢާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޮމާލިޔާގެ ގޮއްލީސް ފަރުބަދައިގެ ސަރަޙައްދުތަކަށް ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވިއެެވެ. އެ ޙަމަލާތަކުގައި ސޮމާލިޔާގެ ޢާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އޭނާ ވެސް ވިދާޅުވިއެވެ. ނަމަވެސް، ސޮމާލިޔާގެ އެއްވެސް ރަސްމީ އިދާރާއަކުން މި ދަޢުވާ ކަށަވަރު ކޮށްދީފައެއް ނެތެވެ.

އެމެރިކާއިން ސޮމާލިޔާއަށް ޙަމަލާދީފައި ވަނީ އެ ޤައުމުގެ ސަރުކާރުގެ ހުއްދައާ އެކުގައެވެ. މި ކަން ހާމަކުރައްވައި، ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ވަނީ، ނިރުބަވެރިކަމާ ދެކޮޅަށް އޭނާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި، އެ ކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. "ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ތިޔަ ބޭފުޅާ [ޓްރަމްޕް]ގެ ނިންމުންތެރި ހިންގުންތެރިކަމުގެ ދަށުން ލިބެމުންދާ އެހީތެރިކަމަށް ސޮމާލިޔާއިން މަރުޙަބާ ކިޔަން،" މަޙްމޫދު ވިދާޅުވިއެވެ.

ސޮމާލިޔާގެ މަޢުލޫމާތާ ބެހޭ ވުޒާރާއިން ބުނީ، އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕަންޓްލެންޑް ސްޓޭޓްގެ ގޮއްލީސް ފަރުބަދަ ސަރަޙައްދުގައި އޮތް ކާލް މީސްކާޑް ފަރުބަދައިގެ ސަރަޙައްދުތަކަށް ކަމުގައެވެ. އެއީ، އައިއެސްގެ މަރުކަޒެއް ހުންނަ ސަރަޙައްދެއް ކަމުގައި ވަޒީރު މުޙައްމަދު އަޔިދަދް ދަރީރު ވިދާޅުވިއެވެ. "ޙަމަލާތަކުގައި މަރައިލާފައިވާ މީހުންގެ އަދަދު ކަށަވަރު ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ހެގްސެތު ވިދާޅުވީ، އެމެރިކާގެ ޙަމަލާތަކާ އެކު އައިއެސްގެ ނިރުބަވެރި ޙަމަލާތައް ރޭވުމުގެ ގާބިލުކަން ދަށްވެފައިވާ ކަމުގައެވެ. ޙަމަލާތަކުގައި މަރައިލާފައިވާ މީހުންގެ ތެރޭގައި، އެމެރިކާއާއި އެ ޤައުމުގެ އެކުވެރިންނާ ދެކޮޅަށް ނިރުބަވެރި ޙަމަލާތައް ދިނުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އައިއެސްގެ މެންބަރުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ޙަމަލާތަކާ އެކު އަަޅުގަނޑުމެން ދީފައިވާ މެސެޖަކީ، އެމެރިކާއާއި އަޅުގަނޑުމެންގެ އެކުވެރިންނަށް ނުރައްކާ ކުރުމަށް ރާވަމުންދާ ނިރުބަވެރިންނާ ދެކޮޅަށް ތެދުވެ، އެ މީހުން ނައްތައިލަން އަޅުގަނޑުމެން ތައްޔާރަށް ތިބި ކަން، އެ ކަން ކުރަމުން މި ދަނީ އެމެރިކާގެ ސަރަޙައްދީ ރޮނގުތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރަދަނާ ކުރުމަށް ރައީސް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އެކުއެކީގައި،" ހެގްސެތު ވިދާޅުވިއެވެ. މިއީ، އެމެރިކާއިން ސޮމާލިޔާއަށް ބޮންއަޅާފައިވާ ފުރަތަމަ ފަހަރު ނޫން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.