ޚަބަރު

ބަޔާން މިއުނިކް މޮޅުވެ 9 ޕޮއިންޓުގެ ލީޑެއް ހޯދައިފި


ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ހޮލްސްޓެއިން ކިއޭލް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ބަޔާން މިއުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 51 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް 19 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. މި މެޗުން ބަލިވި ހޮލްސްޓެއިން އޮތީ 20 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގަ އެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި 75 ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ކޮޅު ކިއޭލް އިން ވަނީ ބަޔާން މިއުނިކުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ނަމަވެސް އެއިން ފުރުސަތެއް ގޯލަކަށް ބަދަލު ނުކުރެވެނީސް 19 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ހެރީ ކޭން ބަޔާން މިއުނިކަށް ކާމިޔާބުކޮށްދިން 26 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާޖީ ނަބްރީގެ މޮޅު ކުޅުމާއިއެކު އޭނާ ވަނީ މެޗުގެ 54 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ހޮލްސްޓެއިން ކިއޭލް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި ފިން ޕޮރަތް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އަރިމަތިން ނަގައިދިން ހުރަހެއް ވެއްޓިގަނެގެން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ކިއޭލްގެ ސްޓީވަން ސްކްރްޒިބްސްކީ ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްފަ އެވެ.