 
										
			ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށައްދާން ފަށައިފިކަމަށް ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ހާމަކުރަން ފަށައިފިއެވެ. އެގޮތުން ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލާއެކު ޑޮލަރުގެ އަގަށް ރަނގަޅު ބަދަލެއް އަންނަން ފަށާފައިވާކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
މިގޮތުން އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްބަސްވިޔަސް ނުވިޔަސް ކަމެއް ބަދަލުވެއްޖެކަމަށާއި، އެއީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށައް ދިއުންކަމަށެވެ. 
ފިރާޤް ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރިން ހަފްތާތަކުގައި 19.20 ރުފިޔާއަށް ހުރިއިރު މިހާރު އެ އަގު ވަނީ 50 ލާރި ދަށްވެފައިކަމަށެވެ. މިއީ ވިޔަފާރިތަކަށް، ޚާއްޞަކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ފަހި ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. 
		
އެއްބަސްވިޔަސް ނުވިޔަސް ކަމެއް ބަދަލުވެއްޖެއެވެ.
— Mohamed Firaq (@mohamedfiraq) February 1, 2025
މިއަދު ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރިން ހަފްތާތަކުގައި 19.20ރ އަށް ވުރެ 50 ލާރި ދަށެވެ . މިއީ ވިޔަފާރިތަކަށް، ޚާއްޞަކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ފަހި ދުވަހެކެވެ. ގެއްލުން ފޫބެދިދާނެ…
			މި ބަދަލަކީ ހާލަތު ބަދަލުވުމުގެ ފެހި ސިގްނަލެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ފިރާޤްވަނީ ސިފަކުރައްވާފައެވެ. މިގޮތުގައި ދެމެހެއްޓިއްޖެނަމަ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެކަމަށްވެސް ފިރާޤް ވަނީ ވިދާޅުވެފައެވެ. 
ޑޮލަރުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ކަމެކެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ދަށްކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރުފައިސާއާއި ބެހޭ ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. 
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާލުވެފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނު ރަނގަޅަށް ތަންފީޒްކުރައްވާނެކަމަށާއި އެއްވެސް ފަރާތެއް އެ ޤާނޫނުން އިސްތިސްނާނުވާނެކަމަށެވެ.