ޚަބަރު

ރަފަޙް ހުރަސް ބެލެހެއްޓުމުގެ މަސައްކަތުގައި ވިލާތުގެ އިއްތިޙާދުން އަނެއްކާ ވެސް ބައިވެރި ވެއްޖެ


މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ހުރަސް, ރަފަޙް ބެލެހެއްޓުމަށް ވިލާތުގެ އިއްތިޙާދުން، 18 އަހަރަށް ފަހު އަލުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.

ވިލާތުގެ އިއްތިޙާދުގެ ފަރާތުން ސަރަޙައްދީ ރޮނގު ބެލެހެއްޓުމަށް ހާއްސަ މިޝަނެއް އެންމެ ފުރަތަމަ ފޮނުވާފައި ވަނީ 2005ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2007ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޣައްޒާގެ ހިންގުމާ ޙަމާސް ޖަމާޢާތުން ޙަވާލުވުމުން އެ މަސައްކަތް ވަނީ މެދުކަނޑާލައިފައެވެ. ފާއިތުވި އަހަރުތަކުގައި ވެސް އެ މިޝަން އޮތީ ތައްޔާރީ ޙާލަތުގައެވެ.

ވިލާތުގެ އިއްތިޙާދުގެ ޚަރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޔާ ކަލަސް ވިދާޅުވީ ޔަހޫދީ ދައުލަތާއި ޙަމާސާ ދެމެދު ޤާއިމު ކޮށްފައިވާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމަށް ހިތްވަރުދިނުމަށް އީޔޫ ބޯޑަރ އެސިސްޓަންސް މިޝަން (އީޔޫބީއޭއެމް)އަށް އިސް ދައުރެއް ޢަދާ ކުރެވިދާނެ ކަމަށް ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުން ޤަބޫލު ކުރާ ކަމަށެވެ. ވިލާތުގެ އިއްތިޙާދުން ރަފަޙް ހުރަހަށް މަދަނީ މިޝަން އަލުން ފޮނުވުމަށް ނިންމާފައި ވަނީ ފަލަސްޠީނާއި ޔަހޫދީ ދައުލަތުގެ އެދުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މިޝަނުން ސަރަޙައްދީ ރޮނގު ކައިރީގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ ރަސްމީ މުވައްޒަފުންނަށް އެހީތެރިކަން ފޯރު ކޮށްދީ, ޣައްޒާއިން މީހުން ނެރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަފަޙް ހުރަސް ދެން ބަލަހައްޓާނީ ވިލާތުގެ އިއްތިޙާދުގެ މިޝަނުންނާއި ފަލަސްޠީނިއަން އޮތޯރިޓީންނެވެ.

ރަފަޙް ހުރަހުން އެެއްވެސް މީހަކަށް ބޭރު ނުވެވޭ ގޮތަށް އެ ހުރަސް ބަންދު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ފެބްރުއަރީ 1ން ފެށިގެން އެ ހުރަސް މެދުވެރިކޮށް ޣައްޒާއިން މިޞްރަށް ހުރަސް ކުރުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދޭނެއެވެ. މި ވަގުތަށް ރަފަޙް ހުރަސް މެދުވެރިކޮށް ދަތުރު ކުރެވޭނީ އެއް ކޮޅަށެވެ. އެއީ ޣައްޒާއިން މިޞްރަށެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީންގެ ޢުދުވާންތަކުގެ ސަބަބުން ޒަޚަމް ވެފައިވާ ބައެެއް ޢާންމުނާއި މުޖާހިދުން އެ ދުވަހު މިޞްރަށް ހުރަސް ކުރާނެ ކަމަށެވެ. އެގޮތުން ޒަޚަމްެ ވެފައިވާ 50 މުޖާހިދުންނާއި 50 ޢާންމުންގެ އިތުރުން އެ މީހުންގެ އެހީތެރިންނަށް މިޞްރަށް ހުރަސް ކުރުމުގެ ފުރުޞަތު ދޭނެއެވެ. އަދި ފަލަސްޠީނުގެ އިތުރު 100 ރައްޔިތުންނަށް ވެސް އިންސާނީ އެހީތެރިކަމުގެ ދަށުން ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު ދޭނެއެވެ. ބެލެވޭ ގޮތުގައި އޭގެ ތެރޭގައި ގިނައިން ހިމެނޭނީ ދަރިވަރުންނެވެ.