ޚަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަނީ


މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުއްމަށް ސަރުކާރުން ނިންމަވައިފިއެވެ.

މި މަގުގައި ތާރު އެޅުމަށް ނިންމަވާފައިވަނީ ޗައިނާ -މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢާއެކު ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބްރިޖް ހުޅުވަންވާއިރަށް ބޮޑުތަކުރުފާނު މަގުގައި ތާރުއަޅުއްވައި ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތާރުއެޅުއްމަށް ނިންމަވާފައިވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަޙައްދުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މުޅިރާއްޖޭގައި ސަރުކާރުން ހިންގަވާ އެތައް ބިލިޔަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ޢާންމުންގެ ދަތިތައް ކުޑަކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. މާލޭގެ އުފަން ރައްޔިތުންނާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުން މާލެއަށް ހިޖުރަކޮށްފައިވާ އެތައްހާސް މީހުންނާއި އަދި އެކި ބޭނުންތަކުގައި މާލޭގައި ވަގުތީގޮތުން ދިރުއުޅޭ މީހުންގެ ފަސޭހަތަކަށާއި ހިތްހަމަޖެހުމަށްޓަކައި މާލޭގައި އެއްފަހަރާ އެތައް މަޝްރޫޢުތަކެއް މިހާރު ގެންދަވަނީ ހިންގަވަމުންނެވެ.

މާލޭގެ އެންމެ ބޮޑުމަގުކަމުގައި ހިމެނޭ، ވަށައިގެންވާ ބޮޑުމަގުގައި ތާރުއެޅުއްވުމަކީވެސް މިފަދަ މަޝްރޫޢުތަކުގެ ތެރެއަށް އިތުރުކުރެއްވި މުހިންމު މަޝްރޫޢެކެވެ.