 
										
			ބަވަނަވެފައިވާ ދުނިޔޭގައި ފިކުރީ ހަނގުރާމައިގެ ކުރިމަތީގައި ވިސްނުންތެރިކަމާއެކު އަމިއްލަ ވަންތަކަމުގެ ސިފަތައް ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 
ވަޒީރު މިހެން ވިދާޅުވީ 1446 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ސިންތާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުއްދައްކަވަމުންނެވެ. 
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އިސްލާމީ އުންމަތުގެ ބައެއްގެ ގޮތުގައި ރާއްޖެ ދެމިއޮވެ، އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމަށްޓަކައި ޤައުމުގެ އެކިއެކި ޒަމާންތަކުގެ ރަސްރަސްކަލުންނާއި ރައްޔިތުން ކުރި ވަރުގަދަ ޖިހާދަކީ އިސްލާމީ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ވާހަކަތަކެއްކަމަށެވެ.  
ދިވެހިރާއްޖެ ސަލާމަތްވެފައި އޮތީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އިސްލާމް ދީނުގެ މަތީގައި ދެމިތިބުމަށް ޤައުމުގެ ރަސްރަސްކަލުންނާއި ރައްޔިތުން ވަރުގަދަ ޖިހާދެއް ކުރެއްވިކަމަށެވެ. ވަޒީރު ވަނީ އެކަންކަމުން އިބްރަތް ލިބިގަނެ ކުރިއަށް އޮތް ޖީލުތަކަށް ދިވެހި ވަންތަ ސިފަތަކާއެކު ޤައުމު ވާރުތަކުރުވުމަކީ މިއަދުގެ ވެރިންނާއި ރައްޔިތުންނާއި ޒުވާން ޖީލުގެ މައްޗަށް އޮތް ޤައުމީ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަމަށެވެ. 
މިއަދު އިސްލާމީ ޤައުމުތަކާ ކުރިމަތިވަމުން އަންނަ ހަނގުރާމަތަކަކީ ހަމައެކަނި އަސްކަރީ ވަޞީލަތްތަކުން ކުރެވޭ ހަނގުރާމަތަކެއް ނޫންކަމަށާއި މިއަދު ކުރަމުން ދަނީ ފިކުރީ ހަނގުރާމައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެން ކަމުން ބަވަނަވެފައިވާ ދުނިޔޭގައި ވިސްނުންތެރިކަމާއެކު އަމިއްލަ ވަންތަކަމުގެ ސިފަތައް ޤައުމުގައި ދެމެހެއްޓުމަށް އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.   
"ދިވެހި ޤައުމުގެ މާޒީއަށް ބަލާއިރު އެކިއެކި ގޮންޖެހުންތަކުން ޤައުމު ސަލާމަތްވެގެން އިއްޒަތާއި ގަދަރާއި ޝަރަފުވެރިކަމާއެކު ދެމި މިއޮތީ ދިވެހިންގެ ތެރޭގައި އޮތް ޚާއްސަ ސިފަތަކެއްގެ ސަބަބުން. އޭގެތެރޭގައި އެންމެ މުހިންމު ސިފައަކީ ތާރީޚީ ގޮތުން ބަލާއިރު ދިވެހިންގެ އެއްބައިވަންތަކަން އަބަދުވެސް ދުޝްމަނުންނާ ދެކޮޅަށް އޮތުން." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. 
		
 
										ވަޒީރު ވަނީ ރާއްޖެއިން އެކި ޒަމާންތަކުގައި ކޮށްފައިވާ ވަރުގަދަ ޖިހާދުތަކުގެ ވާހަކަތައް އެއް ޖީލުން އަނެއް ޖީލަށް ކިޔައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަން ކުރުމަށް ގޮވާލައްވާފައެވެ. މިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަހައްމިއްޔަތުކަން ދެއްވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޤައުމީ ބަހާތައް، ޤައުމުގެ ސިފަތައް، ޤައުމުގެ ޝަޚުސިއްޔަތު ރީތި ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް އެއީ މިއަދުގެ ޖީލުން ބަލައިގަންނަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.