ދީން

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ގަދަ 3 ބައިވެރިން


ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ގަދަ 3 ބައިވެރިން ކަނޑައަޅައިފިއެވެ. މުބާރާތުގެ ގަދަ 3 ކަށަވަރު ކުރުމަށް މިރޭ ބޭއްވި ޕްރޮގްރާމްގައިވެސް ބައިވެރިންގެ ތަފާތު ހުނަރުތަކެއް ފެނިގެންދިޔައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމުގެ ގަދަ 3 ކަށަވަރު ކުރި ބައިވެރިންނަކީ އިބްރާހީމް އިމާޒު، ޢަބްދުﷲ ޠާލިބު އަދި އާދަމް ނަޞީމެވެ. މި ރޭގެ ޕްރޮގްރާމުން މި މުބާރާތާ އަލްވަދާޢު ކިޔަން ޖެހުނު ބައިވެރިންނަކީ އިބްރާހީމް މުޙައްމަދާއި ޢަބްދުﷲ މުފީދެވެ. 

މިރޭގެ ޕްރޮގްރާމްގައި ގަދަ 3 ބައިވެރިން ކަނޑައެޅިގެންގޮސްފައިވާއިރު އެންމެ އަލިގަދަ ތަރި ހޮވުމަށް ބާއްވާ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުގެރެއެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާއިމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާއިމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ދައްކަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުގެރެއެވެ. މިއީ ޓީވީއެމްއިން ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމް ގެނެސްދޭ 4 ވަނަ އަހަރެވެ.