ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒްގެ ކޮންޓްރެކްޓް އައުކޮށްފި އެވެ.
މި ކޮންޓްރެކްޓާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނާނީ ބާސެލޯނާގައެވެ.
ކުލަބުގެ އޮފީހަށް އިއްޔެ މެންދުރު ކޮންޓްރެކްޓްގައި ސޮއިކުރަން އޭނާ ދިޔައީ ހިނިތުންވުމާއެކު، އާއިލާ އާއި އޭނާގެ އެޖެންޓްވެސް ގޮވައިގެންނެވެ.
އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު އޭނާ ބުނީ ބާސެލޯނާއަކީ އަބަދުވެސް ކުޅެން ބޭނުންވާ ކުލަބު ކަމަށްވެފައި އެކުލަބުގައި އިތުރު ފަސް އަހަރު ހުންނަން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
"މި ކޮންޓްރެކްޓް އައު ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް. އަހަރެން އަބަދުވެސް ހުންނަން ބޭނުންވާ ތަނަކީ މިއީ. ކޮންޓްރެކްޓް އާކުރުމުން މިހާރު އަހަރެންނަށް ދަނޑުމަތީގައި ވެސް ކުރިއަށްވުރެ އިތުބާރު ބޮޑުވެންދާނެ. އަހަރެންގެ ކުރިމަގާމެދު މިހާރު އެއްވެސް ސުވާލެއް ނޯންނާނެ. އަހަރެން ހުންނާނީ ވަރަށް އުފަލުން މިހާރު" ޕެޑްރީ ބުންޏެވެ.
އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ބުނީ ބާސެލޯނާއާއެކު ގިނަ ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ކުލަބުގެ މިސްރާބު ވެސް މިހާރު ބަދަލުވެފައިވަނީ އެ މަގަށް ކަމަށާއި މިއީވެސް އިތުރަށް ކުލަބުގައި ހުންނަން ބޭނުންވި ސަބަބެއް ކަމަށެވެ.
މާލީ ހާލަތު ރަނގަޅުވަމުން އަންނާތީވެ ބާސެލޯނާއިން މިހާރު މަސައްކަތް ފަށާފައިވަނީ އެކުލަބުގެ މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށެވެ. މި ގޮތުން ގަވީ އާއި ރަފީނިއާ އާއި މާކް ކަސާޑޯ އާއި ޑިފެންޑަރު އިނިގޯ މާޓިނޭޒް އާއި ރޮނަލްޑް އަރައުހޯ ފަދަ ކުޅުންތެރިން ހިމެނެ އެވެ. މީގެ ތެރެއިން އުރުގުއޭގެ ޑިފެންޑަރު އަރައުހޯ ގަތުމަށް އިޓަލީގެ ޔުވެންޓަސް މަސައްކަތް ކުރަމުންދަނިކޮށް އޭނާގެ ކޮންޓްރެކްޓް އައު ކުރީ ހުސްވި ހަފުތާގައެވެ.
ޕެޑްރީ އަކީ މިހާރު ސްޕޭނުގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. އެންމެ ފަހުގެ ޔޫރޯ ފައިނަލް މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު ޖަރުމަނުގައި އޮތް މުބާރާތުގައި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.