ޚަބަރު

ރަމަޟާން މަހުގައި ގިނައިން ކީރިތި ޤުރުއާން ކިޔެވުމަށް އިސްކަންދީ!


ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރެވެ. އެހެންކަމުން ރަމަޟާންމަހު ޤުރުއާން ކިޔެވުން އިތުރުކުރުމަކީ މުސްލިމުން އިސްކަންދޭ ކަމެކެވެ. އަދި ރަމަޟާންމަހުގެ ތެރޭގައި ޚަތިމް އެއްކޮޅުން އަނެއްކޮޅަށް އެއްފަހަރު ނުވަތަ އެއްފަހަރަށްވުރެ ގިނަފަހަރު ކިޔެވުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުންސުރެ ގެންގުޅެމުން އަންނަ މަތިވެރި އާދައެކެވެ.

ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތްﷲ މާތް ކުރައްވާފައިވާ މަހެކެވެ. މި މަހަކީ ކީރިތި ޤުރުއާން ބާއްވާލެއްވި މަހެވެ. އެހެންކަމުން މިމަހުގައި ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

މާތްﷲ މުޙައްމަދުގެފާނަށް ޤުރުއާން ބާވައިލެއްވީ އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައެވެ. ޤުރުއާން ބާވައިލެއްވުން، ވެގެންދިޔައީ އުޑުތަކާއި ބިމުގައި ފާހަގަވެގެންދިޔަ ބާއްޖަވެރި މުނާސަބަތަކަށެވެ. އެޤުރުއާން އެންމެ ފުރުތަމަ ބާވައިލެއްވުނީ ލައުޙުލްމަޙްފޫޡްއިން ދުނިޔޭގެ އުޑުގައިވާ ބައިތުލްޢިއްޒާއަށެވެ.  އެއީ ރަމަޟާންމަހެއްގެ ރެޔެއްގައެވެ. އެ ރެޔަށް ނަންދެވިފައިވަނީ ލައިލަތުލްޤަދްރިގެ ނަމުންނެވެ.

ރަމަޟާން މަސް އައުމާއެކު ގިނަ މީހުން އަޅުކަމުގައި ވަގުތުހޭދަކުރުން ގިނަކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ޤުރުއާން ކިޔެވުމާއި ނަމާދާއި ޒިކުރުކުރުމުގައި ވަގުތުތައް ހޭދަކުރަމުން ގެންދެއެވެ. ކުޑަކުދިންނާއި ހިސާބުން ފެށިގެން ޢުމުރުން ދުވަސް މީހުންނާއި ހިސާބަށްވެސް ކަން އޮތީ މިގޮތަށެވެ. މި މަހު ޚަތިމް ފަށައިގެން ނިންމަން ގަދައަޅައި ގިނަމީހުން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ވަކިވަރެއް ކަނޑައަޅައިގެން ޤުރުއާން ކިޔެވަމުންދެއެވެ. ރަމަޟާންމަސް އައުމުގެ ކުރިން މިމަހުގައި ޚަތިމުކުރަން ފަސޭހަވާނެ ގޮތްތައް ލިޔެފައިވާ ލިޔުންތައްވެސް ޝޯސަލް މީޑިޔާގައި ދައުރުވަމުންދިޔައެވެ. މި ކަމުގެ ސަބަބުންވެސް ޚަތިމުކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހައެއް ލިބިގެންދިޔައެވެ. އެގޮތުން ރަމަޟާންމަހުގެ ތެރޭގައި އެއްފަހަރު ޚަތިމުކުރާނަމަ ކޮންމެ ދުވަހަކު 5 ނަމާދުގައި ކޮންމެ ނަމާދެއްގެ 4 ޞަފްޙާ ކިޔަވާކަމުގައި ވާނަމަ މުޅި ރަމަޟާންމަހުގެ ތެރޭގައި ހަތިމެއް ކުރެވޭނެއެވެ. އަދި ދެފަހަރަށް ޚަތިމުކުރަން ބޭނުންވާނަމަ މިއަދަދު ދެގުނަ ކުރުމުން ދެފަހަރަށް ޚަތިމްކުރެވޭނެއެވެ. ޤުރުއާން ޚަތިމުކުރާނަމަ މިގޮތަށް ރާއްވާލައިގެން ކުރިޔަށްގެންދާނަމަ މިއަށް ވުރެއްވެސް ގިނައިން ހަތިމު ކުރުމަކީ އެކަށީގެންވާކަމެކެވެ.

ބައެއް މައިން ބަފައިން އެމީހުންގެ ދަރިންނަށް، ރަމަޟާންމަހުގެ ތެރޭގައި ޚަތިމްކުރުމަށް ބާރުއަޅައި އެކަމަށް ނަމޫނާ ދައްކައެވެ. މިއީ ދިވެހިރާއްޖޭގައި ވަރަށް ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އަދި ކުޑަކުދިންނާއި އެކި ޢުމުރުގެ އެހެން މީހުންވެސް މިސްކިތްތަކުގައި ޤުރުއާން ކިޔަވަން ގިނަ ވަގުތު ހޭދަކޮށް ޚަތިމްކުރުމަކީވެސް ދިވެހި ރޯދަމަހު ޢާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

ކިޔެވުމުން މިމަހުގައި ޢާއްމުކޮށް އެއްފަހަރަށްވުރެ ގިނަފަހަރު ޚަތިމްކުރާ މީހުން އުޅެމުންދާކަން ފަހަގަކޮށްލެވެއެވެ. ރަމަޞާންމަހު ޚަތިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރ ޑރ.އަބްދުﷲ ޖަމީލު ވިދާޅުވީ ރަމަޟާން މަހުގެ ތެރޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ސަބަބުން ސަވާބު އިތުރުވެގެންދާކަމަށެވެ. އަދި މިމަހު ކީރިތި ޤުރުއާން ކިޔެވުން އިތުރުކުރުމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި ބާރުއަޅުއްވާފައިވާކަމަށް ޑރ. ޢަބުދުﷲ ޖަމީލް ފާހަގަކުރެއްވިއެވެ.

މި ހާރު އަޅުގަނޑުމެން ވޭތުކުރަމުން މި ގެންދަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގެ ރޭތަކުގެ ތެރެއިން ރެއެއްގައި ލައިލަލުތުލް ޤަދުރުވިލޭރޭ އާދެއެވެ. އެއްހާސް މައްސަރުގެ ސަވާބާއި ދަރުމަ ލިބޭ އަދި މާތްވެގެންވާ ﷲ ކަލާމްފުޅު ބާއްވާލެއްވުނީވެސް  ލައިލަތުލް ޤަދުރުވިލޭރޭގައެވެ. އެހެންކަމުން މިރޭގެ ދަރުމައާއި ސަވާބު ހޯދުމަށްވެސް ކީރިތި ޤުރުއާން ގިނައިން ކިޔެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގައި އުޅޭއިރު ދިމާވާ ދަތިތަކާއި ކުރިމަތިވާ ވަސްވާސްތަކުން ސަލާމަތްވާން ބޭނުންކުރެވެން އޮތް ހަތިޔާރަކީ ކީރިތި ޤުރުއާނެވެ. އަދި ދުނިޔެއާއި އަންނަން އޮތް ދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައި ދެވޭނެ ހަމައެކަނި އެހީތެރިއަކީވެސް ކީރިތި ޤުރުއާނެވެ.