މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހު ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000 ރުފިޔާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް، ޕީސީބީން އަންގަވައިފިއެވެ.
ޕީސީބީން މިއަދު ނެރުއްވި ސަރކިއުލަރއެއްގައި ވިދާޅުވީ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ މިފިޔަވަޅުތައް ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކަށް ހިނގާނެ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގައި މަސައްކަތް ކުރާ ޓެކްނިކަލް މުވައްޒަފުން މީގެތެރޭގައި ނުހިމެނޭ ކަމަށް ސަރކިއުލަރގައި ވިދާޅުވިއެވެ.
ޕީސީބީން ވިދާޅުވީ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނަށް އެންމެ ބޮޑުވެގެން ދެވޭނީ 90،000 ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރަށް އަމަލުކުރާނީ އެގޮތަށް ކަމަށްވެސް ޕީސީބީން ވިދާޅުވެއެވެ.
ޕީސީބީން ވިދާޅުވީ ކުންފުނިތަކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން އެއުސޫލުން އިސްތިސްނާވާނެ ކަމަށެވެ. އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައްވެސް 90،000 ރުފިޔާއަށް އަށްވުރެ އިތުރުވާނަމަ، އިތުރުވާ ބައި އުނިކުރަން ޖެހޭކަމަށެވެ. ޕީސީބީންވަނީ މުވައްޒަފުންނާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ކުންފުނިތަކަށް އަންގަވާފައެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ މުސާރައިން %50 ނުނެންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، މީގެކުރިން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުން 228 ބޭފުޅަކު ވަކިކުރައްވާފައެވެ. އެކަމުގެ ސަބަބުން މަހެއްގެ މައްޗަށް ދައުލަތަށް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.