ޚަބަރު

އދގެ އެހީ ދޭ ޖަމާޢަތް މަނާކުރުމަކީ ޣައްޒާއަށް މުސީބާތެއްގެ ގޮތުގައި ސިފަކޮށްފި


ފަަލަސްޠީނުގެ ޣައްޒާގައި ނިމަކެތި ޙާލުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް، އުންރުވާގެ ހަރަކާތްތައް ޔަހޫދީ ދަޢުލަތުން މަނާކުރުމަކީ ޣައްޒާއަށް ކުރިމަތިވާނެ ބޮޑު މުސީބާތެއްގެ ގޮތުގައި ސިފަކޮށްފިއެވެ.

އޮކްޓޫބަރު 28ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން, އިސްރާއީލުގެ އިތުރުން ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި ވެސް އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރުން އުންރުވާއަށް މަނާވާނެއެވެ. އޭގެ ތެރޭގައި ޔަހޫދީން އަޅުވެތި ކޮށްފައިވާ ޣައްޒާއާއި ހުޅަނގު އައްސޭރި ވެސް ހިމެނެއެވެ.

ޔަހޫދީން ފާސްކުރި އެ ޤާނޫނަށް މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާއިރު، އުންރުވާގެ ވެރިޔާ ފިލީޕް ލާޒަރީނީ، އދ.ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވީ، ފަލަސްޠީނުގެ ގިނަ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުން މުޅިންހެން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ލާޒަރީނީ ވިދާޅުވީ ގޮތުގައި، އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގައި ޢުދުވާންތައް ފެށި ފަހުން، އެ ސަރަޙައްދަށް ފޯރުކޮށްދިން ކާބޯތަކެއްޗާއި، ބޭހާއި، ވެކްސިން އަދި ބޯހިޔާވަހިކަމުގެ އެހީގެ ތިން ބައި ކުޅަ ދެ ބައި ފޯރުކޮށްދީފައިވަނީ އުންރުވާއިންނެވެ.

"ހަނގުރާމަ ހުއްޓާައިލަން އެއްބަސްވި ފަހުން ވެސް، އުންރުވާއިން ޣައްޒާއަށް ވަންނަ ކާބޯތަކެތީގެ %60 ގެނެސް، ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދެވިފައިވާ. އަޅުގަނޑުމެން ކޮންމެ ދުވަހަކު 17،000 އެއްހާ މެޑިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އުންރުވާގެ މި ސިފަކުރުން ބަލައިގަންނަން ޔަހޫދީ ދަޢުލަތަށް އެންމެ ބޮޑަށް ވާގިދޭ އެމެރިކާއިން ވަނީ ދެކޮޅު ހަދައިފައެވެ. އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން، ފަލަސްޠީނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް އަންނާނެ ކަމަށް ސިފަކުރުމަކީ "ނުރައްކާތެރި" އަދި ހަޤީޤަތާ ޚިލާފު ސިފަކުރުމެއް ކަމަށް އެމެރިކާއިން ބުންޏެވެ.

އުންރުވާއަށް އިސްރާއީލުގައި ހަރަކާތްތެރިވުން މަނާކޮށްފައި މި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން 2023 އޮކްޓޫބަރު 7ވަނަ ދުވަހު އިސްރާއީލުގެ ރަށްތަކަށް ދިން ޖިހާދީ ޙަމަލާގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށެވެ. ޙަމާސުން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ އެ މީހުންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެންނެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދުގެ ދަށުންނެވެ.

އުންރުވާ މަނާކުރާނަމަ، ފަލަސްޠީނަށް އެހީ ފޯރުކޮށްދެވޭނެ އިތުރު އިންތިޒާމުތަކެއް އިސްރާއީލުން ހަމަޖައްސަންޖެހޭ ކަމަށް އދ.އިންވެސް ވަނީ ބުނެފައެވެ.

ބަައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާތަކާއި އިދާރާތަކުން ވެސް ވަނީ އުންރުވާ މަނާ ކުރުން ކުށްވެރި ކޮށްފައެވެ. އަދި މިއީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ހުރިހާ އެންމެންނަށް އަނިޔާ ދިނުމަށާއި, އަދަބު ދިނުމުގެ ގޮތުން ޔަހޫދީން ނިންމާފައިވާ ނިންމުމެއް ކަމަށް އެ ޖަމުޢިއްޔާތަކުން ވަނީ ބުނެފައެވެ.