ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ހއ. މާރަންދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާރަންދޫއަށް ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ ގިނަބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުން ކުރިއަށްދާނެއެވެ. އަދި މާރަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް، އެކަމަށް ބޭނުންވާ އިމާރާތް އެޅުމަށް ކައުންސިލާ ހަވާލުކުރުންވެސް ކުރިއަށްދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
މާރަންދޫއަކީ ހއ. އަތޮޅަށް އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 6 ވަނަ ރަށެވެ. ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މުރައިދޫގެ އިތުރުން ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ، އުލިގަން އަދި އުތީމަށް ވަޑައިގަންނަވާނެއެވެ. ހއ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.